ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާގެ ހެނދުނަށް ތާވަލުކޮށްފި އެވެ.
މާދަމާގެ ކޯޓު ޝެޑިއުލްގައި ހިމަނާފައިވާ މި މައްސަލައަކީ، ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގި މައްސަލަ އެވެ.
ހައިކޯޓުގެ ހުކުމް އިއްވިތާ ގިނަ ދުވަސް ފަހުން، މައްސަލައިގެ އިދާރީ އަޑުއެހުމެއް މިދިޔަ އޮގަސްޓު މަހު ބޭއްވި އެވެ. އަދި އޭގެ ފަހުން ކުރިޔަށް ގެންދާ ޝަރީއަތްތައް ލައިވް ކުރުމަށް މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ވަނީ ނިންމަވާފަ އެވެ.
އާރަށުގެ މައްސަލައިގައި އަލުން ކުރިޔަށް ގެންދާ ޝަރީއަތުގެ، އިދާރީ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ހަމްޒާ ލަތީފެވެ.
ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. އޭރު މައްސަލަ ބެއްލެވީ ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަހުމަދު ޝަކީލެވެ.
މައްސަލަ އަލުން ކުރިޔަށް ގެންދާއިރު، މީގެ ކުރީގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބޭނުންކޮށްގެންނެވެ. އޭރު ދެބޭފުޅުންނަށް ވެސް ހިޔާނާތުގެ ދައުވާތައް ސާބިތުވެ ތިބީ ޖަލު ހުކުމެއްގައި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މައާފު ދީ މިނިވަންކޮށްފަ އެވެ.

