މާލޭގެ ބޭރުގައި ވަށައިގެން ލާފައިވާ އެއްގަމު ތޮށި މަރާމާތުކުރުމަށް ޖަޕާނުގެ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.
ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ޖަޕާނުގެ ސަރުކާރާއިއެކު ސޮއިކޮށްފައިވަނީ ”ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް“ މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ފޮރިން މިނިސްޓަރު މޫސާ ޒަމީރުކަމަށްވާއިރު ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއޫޗީ މިޑޯރީއެވެ.
އެ ގައުމުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 20 މިލިއަން ޖަޕަނީޒް ޔެން ދިނުމަށް ކަނޑައެޅިފައިވެއެވެ. މިއީ އެއްލައްކަ ސާޅީސް ހާސް އެމެރިކާ ޑޮލަރުކަމަށްވާއިރު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރުވަނީ މޫސުމީ ކާރިސާތަކުން ރާއްޖެ ސަލާމަތްކުރުމުގައި މަޝްރޫއުއިން މުހިންމު ދައުރެއް އަދާކުރާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، މި މަސައްކަތްތަކަކީ އަންނަނިވި ޖީލުތަކަށް ދެމެހެއްޓިނިވިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މުހިންމު މަޝްރޫޢުއެއްކަމަށެވެ. އެގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި މާލޭގެ ރައްޔިތުންގެ ރައްކައުތެރިކަމާއި ސަލާމަތްތެރިކަމަށް 1990 ވަނަ އަހަރު ބިނާކޮށްފައިވާ މި ވަސީލަތުގެ މުހިންމު ދައުރެއް އޮތްކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނުވަނީ ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް އޮތްކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއިރު ދެމުންދާ ދީލަތި އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ

