ކުރިޔަށް އޮތް 20 އަހަރުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އިއްޔެގެ ކެބިނެޓުން ނިންމި މި ނިންމުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކެމްޕެއިނުގައި ވައުދުވެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލައި، އެ ތައްޔާރު ކުރާނެ ގޮތާއި އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ކެބިނެޓުން އިއްޔެ ނިންމެވި އެވެ.
ރައީސް ވިދަޅުވީ ކުރިޔަށް އޮތް އެއް އަހަރުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، އަދި ހުރިހާ ސިޔާސީ ޕާޓީއަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކި ސްޓޭކްހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާއި އެންމެން ހިމެނޭ ގޮތަށް މަޝްވަރާ ކުރިޔަށް ގެންދާނެކަމަށެވެ. އެހެންކަމުން ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް ތަރައްގީ ކުރުން ވެގެން ދާނީ ވަރަށް ފުރިހަމަ ޕްލޭންއަކަށްކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިޔަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ މި މަސައްކަތް މި ފަށަނީ.. އަދި ޕްލޭންއަކީ އަޅުގަނޑު ހަމަ ވައުދުވި ގޮތަށް އެ ޕްލޭންއަށް ގާނޫނީ ބާރުވެރިކަން، ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާ ޕްލޭންއަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނަށް ވަކިން ހާއްސަކޮށް ހަދާ ގާނޫނަކާއި އެކީގައި ހެދިގެންދާ ޕްލޭންއަކަށް ވާނެ.. މީގެ މަގްސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިޔަށް އޮތް 20 އަހަރު ދުވަހަށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސަވުރު ކުރިޔަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިއުމަކީ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަކަމަކަށް ހެދުން..
ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ހުރިހާ ރަށެއްގައި ވެސް މި މަސައްކަތުގެ މަޝްވަރާ ކުރެވޭނެ ކަމަށެވެ. ކުރިޔަށް އޮތް 20 އަހަރު ގައުމު އޮންނަން ބޭނުންވާ ގޮތުގެ ވިސްނުން ހުރި ގޮތް ކެމްޕެއިނުން ފެށިގެން ހިއްސާ ކުރަމުން އައިސްފައިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނަތީޖާ ނެރުން ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައެވެ. އަދި އެމަނިކުފާނު ދެކެން ބޭނުން ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުންކަމަށް ވިދާޅުވިއެވެ.
މި ޕްލޭން ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ތަރައްޤީގެ ވަޢުދެކެވެ.

