ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ޖަސްޓިސް ރިޓަޔާޑް އައްބާސް ޝަރީފް އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެވެ.
މަގާމަށް އައްޔަނު ކުރުމުގެ ކުރިޔަށް ރައްޔިތުންގެ މަޖިލިސް ކޮމިޓީގެ އިންޓަވިއުގައި އައްބާސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު އެދިގެން ނޫން ކަމަށެވެ. އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިވާތީ ކުށުގެ ރެކޯޑް ސާފު ކުރަން ހުށަހެޅި ހިސާބުން އެކަން މީޑިއާއަށް ތިލަވިކަމަށާއި އޭގެ ކުރިން އޭނާ އެ މަގާމަށް ޝައުގުވެރިކަން ހުރިކަން ނޭނގޭނެ ކަމަށެވެ.
އައްބާސް ވިދާޅުވެފައި ވަނީ އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތަޖުރިބާގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލިއިރު، އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ލެނބިފައި ނުވާނެ ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ހުންނެވި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ދައުރުގައި ޕީޖީ އޮފީހުގެ ހިންގުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ޝަމީމް ނިންމާފައިވާ ބައެއް ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
އޭރުގެ ޕީޖީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ މަޖިލީހަށް ލިބިފައި ނުވާތީ އެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

