ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމަޢަށް ލިބޭނެ ބޮޑު ދެރައެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަދި އެތަނަކީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭ ތަނަކަށް ވާންޖެހޭ ކަމަށެވެ. މީގެ އިތުރުން ރައީސް އިބޫ ވިދާޅުވީ، ސަރުކާރުންވެސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ބީއެމްއެލްއިން ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލާއެކު ގިނަ ބައެއްގެ ދާޑު ކިއުން ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ބީއެމްއެލްއިން މެދުވެރިކޮށް ބަޣާވާތް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ކާލް ސްޓުމްކައަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

