ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކިކަމަށް ތުހުމަތުވާ މައްސަލައިގައިގައި، ބިދޭސީ މީހާ ދިރިއުޅެމުން އައިތަނުން ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ފެންމަތިވި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަރަފާތު ހުސެއިން އެވެ.
ޖިނާއީ ތުހުމަތުތަކެއް އަރަފާތަށް ކުރެވުނު ނަމަވެސް އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުން އައި މީހަތަކަށް ވާތީ ހުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އަރަފާތުގެ މައްޗަށް ކުރަނީ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބުޅާ މަސް ބޭނުން ކުރާކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރެވެނީ ކޮންމެ ދުވަހަކު ވެސް ދިރިއުޅޭ ގެއަށް ބުޅާތައް ގެންދިއުމާއި، އޭނާ ދިރިއުޅޭ ގޭތެރެއިން ބުޅާ ރޯއަޑު އިވޭތީ އެވެ. އަދި ބައެއް ދުވަސްތަކުގައި ބުޅަލުގެ ބައިތަކެއް ވެސް ފެންނަކަމަށް ވެއެވެ.
އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ބާގާއާއި ސަބްމެރިން އަދި ޕިއްޒާކަމަށް ގިނަ މީހުން ބުނެ އެވެ. މީގެ ކުރިން އޭނާ އެތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެން ނަމަވެސް ފަހުން ކާބޯތަކެތި ވިއްކަނީ އެއްވެސް ލޯގޯއެއް ތުހުމަތު ކުރެވެ އެވެ.
އަރަފާތުގެ ގޭގައި ހުރި މަހުގެ އެކި ބާވަތްތަކުން ސާމްޕަލް ނެގުމަށް ފަހު ފޮނުވިތާ، މަހަކާ ގާތްވިއިރު އަދިވެސް ސާމްޕަލް ލިބިފައި ނުވާތީ މީޑިއާތަކުން ސުވާލު ކުރުމުން އެމްއެފްޑީއޭ ބުނެފައި ވަނީ ނަތީޖާ ލިބޭނެ ދުވަހެއް ނޭނގޭކަމަށެވެ.
މައްސަލައިގެ ވަކި ތަހުގީގެއް އަދި ފަށާފައިނުވާއިރު، އަރަފާތު ފުރުވާލާނީ ނަތީޖާތައް ލިބި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން ޖެހޭވަރުގެ ކަމެއް ނެތްނަމަ އެވެ.
އަރަފާތުގެ މައްސަލަ ފެންމަތިވީ ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކޮށް އިމިގްރޭޝަނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ނުތާހިރު އެތައް ތަނަކަށް ރެއިޑުކޮށް އިމިގްރޭޝަނުން ވަނީ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކޮށްލާފަ އެވެ.

