ރާއްޖެއާއި ޗައިނާ ދެމެދު ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރުން ފެށިގެން ޗައިނާއާއި ދިވެހިރާއްޖެ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑު އެގްރިމަންޓަށް އަމަލު ކުރަން ފަށާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ. އަދި ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ދެމެދު ކަރަންޓް އެކައުންޓު މުއާމަލާތަށް ދެ ގައުމުގެ ފައިސާ ބޭނުން ކުރެވޭ އެއްބަސްވުމެއް ވެސް ދާދިފަހުން ވަނީ ގާއިމުކޮށްފަ އެވެ.
މިއީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާ ކުރިއެރުމެއްކަން ފާހަގަކޮށް އެކަމުގެ މައުލޫމާތުތައް ސަރުކާރުން ދަނީ ހާމަކުރައްވުންނެވެ. މި އެއްބަސްވުމާއި ގުޅޭގޮތުންނާއި، އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަމުން ދާ ފިޔަވަޅުތަކަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ، ސަރުކާރުގެ ދިހަ މަސް ދުވަހުގެ ތެރޭގައި ދައުލަތް ހިންގަމުން އައީ ލިބޭ އާމްދަނީއެއްގެ މައްޗަށް ކަމަށެވެ.
އައިފާން ވިދާޅުވީ ސަރުކާރުން ހަރަދުތައް ހަމަޖައްސައި ސަރުކާރުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައި ވާނެކަމަށެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދިވެހި ދަރިވަރުންގެ ލޯނަށް ބޭނުންވާ ފައިސާ ހަމަޖައްސައި، ކާޑުގެ ބާވަތްތައް އިމްޕޯޓު ކުރުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ ގޮތަށް އެއްވެސް ކަމެއް ކުރަން ސަރުކާރުން ބޭނުން ނުވާކަމަށާއި މާލީ ތާށިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އައިފާން ވިދާޅުވީ، ޗައިނާ އާއި އިންޑިއާ އަކީ ރާއްޖެއާއި ދެމެދު އަހަރެއްގެ މައްޗަށް ވަރަށް ގިނަ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތައްކަމަށާއި ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ ވިޔަފާރި ދެ ގައުމާއި އެކު ކުރެވޭކަމަށެވެ. އެހެންކަމުން ޑޮލަރުން ކުރަމުންދާ މުއާމަލާތްތައް އެ ގައުމެއްގެ ފައިސާ ބޭނުންކޮށްގެން ކުރާ ގޮތަށް ހަމަޖެއްސިއްޖެނަމަ ދޮލަރުން ލިބޭ އާމްދަނީ ރައްކައުކުރުމަށް ފަހިވެގެންދާނެކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ މަގު ފަހިވެއްޖެ ހާލަތެއްގައި ޑޮލަރު ބޭނުން ނުކޮށް ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދެވެނޭކެމަށް އައިފާން ވިދާޅުވި އެވެ.
މީގެއިތުރުން އައިފާން ވިދާޅުވީ، މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ޑޮލަރުން ހުންނާނެ ކަމަށެވެ. ނުވަތަ ބޭރުގައި ކިޔަވާ ކުދިންނަށް ބޭނުން ކުރުމަށް ފައިސާ ހުންނާނެކަމަށާއި ބޭސް ފަރުވާ ފަދަ ކަންކަމަށް ބޭނުންވާ ޑޮލަރަށް ވެސް ލުތެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން މިހާރު އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުން އައިފާން ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުންކަމަށް ނިންމާފައި ވާތީ އެކަމަށް އައިފާން ވަނީ ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް އަޅަން ކެރުނު ފިޔަވަޅެއް ނޫންކަމަށާއި، ރައްޔިތުންގެ ހައްގުގައި މި ގެނެވެނީ މުހިންމު ބަދަލެއް ކަމަށެވެ. މިކަމާއި މެދު ހިތްހަމަނުޖެހޭނެ ބައެއް ވެސް ތިބޭނެ ނަމަވެސް މިއީ ކުރަންޖެހޭ ކަމެއް ކަމަށް މެޖޯރިޓީ ރައްޔިތުން އެއްބަސްވާކަމަށް ވެސް ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލުކުރާނެކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ސަރުކާރާއިއެކު މަސައްކަތްކުރަން ތައްޔާރުކަމަށެވެ.

