ރާއްޖޭގައި ކޮލެޖުތަކުން އެކަށީގެންވާ، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ބަހައްޓާ ފަރުވާއަށްވުރެ، ހާއްސަ އިސްކަމެއް ދީގެން އެކަމަކަށްޓަކައި ކޮލެޖުތަކުގެ ފަރާތުން ވަކާލާތު ކުރާ ކަމެއް އޮވެއެވެ. ދަރިވަރުންގެ ތައުލީމަށްވުރެ، ކޮލެޖުތަކުން ތިބީ ޔުނިވާސިޓީގެ ދަރަޖަ ހޯދުމަށް ފެންބޮވައިގެންފައެވެ. ކޮލެޖުތަކުން މިކަމަށް ކިތަންމެ ބޭނުންވެފައި ތިބި ނަމަވެސް، މިއީ އިލްމީގޮތުން މުހިންމު ބަހުސްތަކެއްކޮށް، އެކަށީގެންވާ މަޝްވަރާއާއި ދިރާސާތައްކޮށް ނިންމޭނެ ނިންމުމެކެވެ. މިހާރުވެސް މިކަމާ ގުޅިގެން އެތައް ބަހުސްތަކެއް ކުރެވިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށާއި އަދި މިހާރު ހިނގަމުންދާ 20 ވަނަ ދައުރަށްވެސް މިކަމާ ގުޅޭ އިސްލާހުތަކެއް ހުށަހަޅައި ހޫނު ބަހުސްތަކެއް ކޮށްފިއެވެ.
20 އަހަރު ވުމުން ނޫނީ ކޮލެޖުތަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ނުދެވޭނެ ކަމަށް ގާނޫނުގައި އޮތްއޮތުން ބަދަލުކޮށް، 15 އަހަރަށް އެ މުއްދަތު ކުރުކުރަން މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް، ކޮމެޓީ މަރުހަލާގައި މިކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، އަދި މިނިސްޓަރުންގެވެސް ލަފައާއެކު މި އިސްލާހު ވަނީ ބޭރުކޮށްލާފައެވެ. ޔުނިވާސިޓީގެ ދަރަޖަ ދެވޭ މިންގަނޑު ދަށްކުރުމަށް ހުށަހެޅި މި ހުށަހެޅުމުން ދަރިވަރުންނާއި މިނިސްޓްރީތަކާއި ޔޫނިއަންތައް ހިމެނޭ ގޮތަށް ކަންބޮޑުވުންތައް އުފެދުނެވެ. ހަމައެކަނި ނަން ޔުނިވާސިޓީގެ ދަރަޖައަށް ބަދަލުކުރުމަށްވުރެ، ތައުލީމީ ފެންވަރު މަތިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އެންމެންވެސް އިއްތިފާގުވެއެވެ.
އަގުހުރި އިލްމެއް ހޯދައި، ހިތްހަމަޖެހިގެން ދަރިވަރުންނަށް ތައުލީމު ހާސިލްކުރެވޭނެ ފަހި މާހައުލެއް ގާއިމްވެފައި އޮތުމަށްޓަކައި ޔުނިވާސިޓީއެއް ނޫނަސް، ކޮލެއްޖެއްގައި ނަމަވެސް ފުރިހަމަވާން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ފެކަލްޓީގެ ކޮލިފިކޭޝަންތަކާއި، އިންފްރާސްޓްރަކްޗަރއާއި، ކަރިކިއުލަމް ޑިޒައިނާއި، ކިޔަވައިދިނުމުގެ އުސޫލުތަކާއި، ދަރިވަރުންނަށް އެހީތެރިވުމުގެ ހިދުމަތްތަކާއި، ޖުމްލަކޮށް ތަޢުލީމީ ފެންވަރު މީގެ ތެރޭގައި ހިމެނެއެވެ. ޔުނިވާސިޓީއަކަށް ވުމަށް އެދޭ ކޮލެޖުތަކުން މި ދާއިރާތަކުން މޮޅުކަން ދައްކައި، ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ހޯދައިދީ، މަސައްކަތަށް ބޭނުންވާ ހުނަރާއި އިލްމު ދޭން ޖެހެއެވެ.
ނަމަވެސް ރާއްޖޭގެ ހާލަތު މިއާ މުޅިން ތަފާތެވެ. ސްކޫލު ދައުރު ނިންމައި، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރަށް، ޔުނިވާސިޓީއަކަށް ވާން ވަކާލާތުކުރާ ކޮލެޖުތަކުގައި ޔުނިވާސިޓީއެއް ކީއްކުރަންތޯ، ކޮލެޖެއްގެ ފެންވަރު ހުންނާނެ ކަމުގެވެސް ޔަގީންކަމެއް ނެތެވެ. މުހިންމު މިންގަނޑުތައް ފުރިހަމަ ނޫން، ގިނަ ކޮލެޖުތަކުގެ ސަބަބުން މަތީ ތައުލީމުގެ ނިޒާމަށް އިތުބާރު ކުޑަވެ، ތައުލީމީ ފެންވަރު ވަނީ ދަށްވެފައެވެ. އެކަށީގެންވާ ފެކަލްޓީ ކޮލިފިކޭޝަން ނުލިބުމާއި، އިންފްރާސްޓްރަކްޗަރ ދަށްވުމާއި، ކިޔަވައިދިނުމުގެ އުސޫލުތައް ނާކާމިޔާބުވުމާއި، ދަރިވަރުންނާއި ކޮލެޖާއި ދެމެދު އެކަށީގެންވާ ގުޅުން ނެތުމާއި، އަދި އަންނަ އެކި ބަދަލުތަކުގައި އެކަށީގެންވާ ގޮތަކަށް ވާހަކަ ނުދެކެވުން މިއީ އަޅުގަނޑު އެކަނި ފާހަގަކުރާ ކަންތައްތަކެއް ނޫނެވެ. ވާހަކަ ދައްކާލި ކޮންމެ ދަރިވަރެއްގެ މި ކަންބޮޑުވުންތައް އެބަހުއްޓެވެ. މަތީ ތައުލީމަށް ދެން ވެދާނެ ގޮތަކާމެދު ގިނަ ދަރިވަރުން ތިބީ މާޔޫސްވެފައެވެ. ތައުލީމީ ފެންވަރު ދެމެހެއްޓިފައި ނެތުމުގެ ސަބަބުންނާއި، ކޮލެޖުތަކުންވާ އެކިއެކި އިހުމާލުތަކުގެ ސަބަބުންނާއި އަދި ދަރިވަރަށް އަދާކޮށްދޭން ޖެހޭ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްނުދެވޭ ކަމަށްވާނަމަ، ކޮލެޖުތަކަށް ފައިސާ ވަން ނަމަވެސް، ދަރިވަރަށް އޭގެ ބަދަލުގައި ލިބޭ އެކައްޗެއްވެސް ނެތެވެ.
މިހާތަނަށް އައިރު، ނާތީޖާއެއް ނެރެވިފައި ނެތް ކޮލެޖުތަކަށްވެސް އެ ފުރުސަތު ލިބޭނެ ގޮތަށް، ޔުނިވާސިޓީއަކަށް ވާން އޮންނަ މިންގަނޑުތައް ދަށްކުރުމަށް ހުށައަޅާ ހުށައެޅުމަކީ، ނަމަށް ލިބޭ ރީއްޗެއް ނަމަވެސް، މިއީ ބަޔަކަށް ތަސައްވުރުވާނެ ނުބައި މަންޒަރެކެވެ. ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނެ ފެންވަރެއް ނެތް ކޮލެޖަކަށް، ނުފޯރާ ފޮތިން ފޫގަޅައިގެން ފެންވަރެއް ނެތް ހިދުމަތެއް ވަކި އަހަރު ދުވަހަކަށް ދިނުމަކީ ޝަރަފެއް އަރުވަންޖެހޭ ކަމެއް ނޫނެވެ.
ކޮލެޖެއްގެ ދަރަޖައިން، ޔުނިވާސިޓީއެއްގެ ދަރަޖަ އެކަމުގެ ގާބިލްކަން ނެތް ކޮލެޖަކަށް ދިނުމުން ދެން އޮތް އަނެއް ކަންބޮޑުވުމަކީ، ޔުނިވާސިޓީތަކުގެ ޒިންމާ ބޮޑުވުމެވެ. ތައުލީމީ ގޮތުން އިސްކަންދީގެން ކުރިއަށް ގެންދަން ޖެހޭ ދާއިރާތަކުން އިތުރު ފުރުސަތުތައް ދަރިވަރުންނަށް ހުޅުވާލުމުގެ ހުއްދަ ލިބިގެންދާނެއެވެ. މިހެން ހުންނަ މުހިންމު ދާއިރާތަކުން، ދަރިވަރުންނަށް އެކަށީގެންވާ ރަނގަޅު ތައުލީމެއް، ހިތްހަމަޖެހޭ މާހައުލެއްގައި ނުލިބޭނަމަ، ލިބުނު އިލްމްގެ ބޭނުން އަމަލީގޮތުން ކުރަން ޖެހުމުން ކުރިމަތިވާނީ ބޮޑެތި ގޮންޖެހުންތަކާއެވެ. އަދި ޔުނިވާސިޓީއަކަށްވާ ހިސާބުން ބޭރު ދުނިޔޭގައި ހުންނަ އެކިއެކި ފުރުސަތުތައް ހޯދައި، ލިއްބައިދިނުމަށް އިތުރު ދޮރުތަކެއް ހުޅުވޭނެއެވެ. އެހެންކަމުން ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ހިފެހެއްޓުމަށްޓަކައި މިއަށްވުރެ ރަނގަޅަށް މިކަމަށް ބޭނުންވާ އިސްލާހުތައް ދެނެގަނެ، އިލްމީ ދިރާސާތަކަށް ބަރޯސާކޮށް މިންގަނޑުތަކަށް ބަދަލުތައް ގެނައުން މުހިންމެވެ.
ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ހަރުދަނާ މިންގަނޑުތަކެއް އިލްމީގޮތުން ބަލައި ދިރާސާ ކުރުމަށްފަހު އެއާ ގޮތަށް ތަންފީޒުކުރުމަކީ، ކުރިއަށް އޮތްތަނުގައި ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ ގޮތް ހެދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަތީ ތައުލީމުގެ ގާނޫނަށް މިއަދު ބޭނުންވާ އިސްލާހަކީ ލަގަބުތަކަށްވުރެ ތައުލީމީ ފެންވަރަށް އިސްކަންދީގެން ކޮލެޖުތަކާއި ޔުނިވާސިޓީތައްވެސް ހިންގޭނެ މިންގަނޑުތަކަކާއި އުސޫލުތަކެކެވެ.

