ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތްކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވި ރިޔާސީ ވައުދަށް ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ރައްދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގިނަ މަޝްވަރާކޮށްގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހާވާލުވެ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު އެކުލަވާލި ކޯ ގުރޫޕުގެ އެކި މަޝްވަރާތަކަށް ފަހު، އެކި ބެޗުތަކަށް ބަހާލައިގެން ސިފައިން އެއްކޮށް ފޮނުވާ ނިމިފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ. އަދި ހުރިހާ ސިފައިން ފައިބާ ނިމުނީކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި، އެއްވެސް ބޭރު ބައެއްގެ ނުފޫޒު ފޯރުވިޔަ ނުދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު ކަމަށެވެ. ވެރިކަމުގެ ހުވާ ކުރައްވައި ރައްޔިތުންނާއި މުހާތަބުކޮށް އެންމެ ފުރަތަމަ ވެސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރައްޔިތުންނަށް ދިން ޔަގީންކަމަކީ އެއީކަމަށް މެމްބަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ގޮތަށް އިންޑިއާގެ ސިފައިން ތިބުމުގެ ޖާގަ ދީފައި އޮތުމަކީ ރައްޔިތުން އެމްޑީޕީއަށް އެންމެ ބޮޑަށް ނުރުހުންވި ސަބަބަކުކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ވެސް ފެއްޓެވި މަސައްކަތުން ތިން މަސް ތެރޭގައި އިންޑިއާގެ ސިފައިން ފޮނުވާލެވުނުކަމަށް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ މިއަދު ދިވެހި ފަސްގަނޑުގައި އެއްވެސް ގައުމެއްގެ ސިފައިން ނެތްކަން ރައްޔިތުންނަށް ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށެވެ.
އޭރު ވެރިކަން ކުރަމުން އައި އެމްޑީޕީ މިތަނުގައި އިންޑިއާގެ މިލިޓަރީ ސިފައިން ބައިތިއްބައިގެން އެ ކުރި މަސައްކަތް ގަބޫލު ނުކުރާކަން އޭރު ވެސް ރައްޔިތުން އޮތީ ހާމަކޮށްފައި.. ފުރަތަމަ ވެރިކަމަށް ހަވާލުވެ ތިން މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ފަސްގަނޑުގައި މިއަދަކު ރާއްޖޭގައި ދުނިޔޭގެ އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭނެކަން ކަށަވަރުކޮށްދީފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން އެ ގައުމުން ވަނީ ސިވިލިއަލުން އައިސްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއިން ރާއްޖެ އައި ސިވިލިއަނުން ނުވަތަ މަދަނީ މީހުން ރާއްޖެއައީ ދާއިމަށް ނޫންކަމަށާއި އެއީ ވަކި މުއްދަތަކަށް އުޅަނދުތައް އޮޕަރޭޓްކުރަން ގެންނަ ބައެއްކަމަށެވެ.

