ދިވެހިރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިގްތިސާދީ ފުރުސަތުތައް އިތުރު، އިޖުތިމާއީ ހަމަހަމަކަން ގާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި ވާން އެދޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅުގައި މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި އަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.
މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ 3 ގޮތެއް ހުށަހަޅުއްވައި، އެއްކަމަކަށް ރައީސް އިޝާރާތް ކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ޒުވާނުން ޝައުގުވެރިކުރުވައި އެ މީހުންގެ ބައިވެރިވުން ލިބޭގޮތަށް ގަރާރުތަކާއި އެއްބަސްވުންތައް ހެދުމުގެ މުހިންމުކަމެވެ. އަދި ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަށާއި އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ރައީސް ވަނީ އދ. ގެ ހޯލުގައި ފާހަގަކުރައްވާފަ އެވެ.
ދެވަނަ ކަމަކަށް އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އޭގެ އަސަރު ކުރާ މައްސަލައެއްކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެހެން ހުރިހާ ޤައުމުތަކުން ވެސް އެގޮތަށް އެ ގައުމުތަކުގެ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އެންމެ ފަހުކަމަކަށް ރައީސް ފާހަގަކުރެއްވީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަސީލަތްތަކުގެ މުހިންމުކަމެވެ. އަދި އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި އަދި ހުރިހާ ފަރާތްތަކަށް ބޭނުންހިފޭފަދަ މާލީ ނިޒާމެއް ބޭއްވުމަށް ގޮވާލައްވާފައެވެ.

