އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދިސާނަޔަކައަށް ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސް ޑރ. މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދިސާނަޔަކަ ހޯއްދެވީ ފުރިހަމަ ކާމިޔާބެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ލަންކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ގައުމުކަމަށްވާއިރު، ކުރިއަށް އޮތްތަނުގައި ދެ ގައުމު އެކުގައި މަސައްކަތްކޮށް، ގުޅުން ބަދަހިކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ.
ގާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ.
އަނުރަ ކުމާރަ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާއި ވާދަކޮށެވެ.

