ޢުމްރާނީ ތަރައްޤީގައި ވިލުންތެރިކަން އިސްކުރުމަކީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް“ ގެ ނަމުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ރައީސް ވަނީ އެންމެންގެ ބައިވެރިވުން އޮންނަ، ދުރު ރާސްތާގެ އިޤްތިޞާދީ ކުރިއެރުމެއް ޙާޞިލުކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޤާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
ކުޑަ އާމްދަނީއެއް ލިބޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަރައި ދިއުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެދުމިނުގެ އާމުދަނީގެ މަރުޙަލާ ކަޑަައްތުކޮށް ޤައުމުގެ ތިޔާގިކަން އިތުރުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ރައީސް ވާހަކަދެއްކެވިއެވެ.
އުފެއްދުންތެރިކަމާ، މާލީ ޤާބިލުކަން އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މިކުރާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ވިދާޅުވީ އީޖާދީކަންކަމަށް މަގުފަހިކޮށްދޭނެ، އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުން ހިފޭނެ، ހަރުދަނާ ހުށަހެޅުންތަކެއް ހުށަހަޅުއްވަން ޖެހޭކަމަށެވެ.
ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުތައް ކޮށޭނީ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އިޙުތިރާމު ލިބިފައިވާ ޤައުމަކަށްވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމުގައި ވިދާޅުވެފައެވެ. ”އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް.
ރައީސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

