ދިވެހިރާއްޖެއާއި ސައުދީއަރަބިއްޔާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމަށާއި ތަނަވަސްކަން ލިބިގެންދާނެކަމުގެ އުންމީދު ކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަޒީޒް އަލް ސައުދާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން ބިނާވެފައި ވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހަކީ އެ ގައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު އަބްދުލްއަޒީޒު ބިން އަބްދުއްރަހްމާން އަލް ސައުދު ހަނގުރާމައަށް ފަހު އެ ގައުމު އެއްބައި ކުރި ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 23 ގައެވެ.

