މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢަށް އެޕްލިކޭޝަން ހުށަހެޅުމަށް މިވަނީ ހުޅުވާލައިފިއެވެ.
މިދިޔަ އަހަރު އިފްތިތާޙު ކުރެވުނު މި ލޯނު މަޝްރޫޢު އަލުން މި ހުޅުވާލެވެނީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެންކަމަށް ފިޝަރީސް މިނިސްޓްރީއިން ބުންޏެވެ. އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެންކަމަށް ބުންޏެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓް ކުރުމަށް ސަރުކާރުން ނިންމުންކަމަށް ބުންޏެވެ.
ލޯނު ފައިސާ ދޫކުރެ ތަކެތި:
1. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިއު ސިސްޓަމް)
2. ޖެނެރޭޓަރ ސެޓް
3. ސޯލާރ ޕީވީ ސިސްޓަމް
މި މަޝްރޫޢުގެ ދަށުން ދަށުން 2 މިލިއަނާހަމައަށް ފައިނޭންސް ހަމަޖެހިގެން ދާނެކަމަށާއި، އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭގޮތަށް ހަމަޖެހިފައި އެބަ އޮތްކަމަށް ބުންޏެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު، 10 އަހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭނެއެވެ.
ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ދައްކަން ނުޖެހޭއިރު، އަމިއްލައަށް ނުވަތަ އެސް.އެމް.އީ ޑެވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށްވެސް މި ފެސިލިޓީ ބޭނުން ކުރެވެއެވެ. މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ކޮންމެ ދޯންޏަކަށް ރަހުނަކާއި ނުލައި މި ލޯނަށް ހުށަހެޅެއެވެ.
މި ލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2024 އެވެ. މަޝްރޫއާއި ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ ނަންބަރަށެވެ.

