މާލޭ ސިޓީ ކައުންސިލުން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުގައި އާއްމުކޮށްފައި ބަޔާނުގައި ބުނެފައިވަނީ މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހުރި ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިއުލާނުގައި ބުނެގައިވަނީ 23 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާކަން އިއުލާނު ކުރާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައްވެސް އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށް ކުރެވެން ހުރިކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުއްވާ ކަމަށެވެ.

