ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާއި އެކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގައިތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގެ ކޯ-ޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް ވަނީ ހުށަހަޅުއްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިގްތިސާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ އިގްތިސާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ހާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހައްގުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ ޑިޖިޓަލް ވެއްޓެއްގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ގާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްޓަކައި ކަމުގައެވެ.
ރައީސް ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޝާމިލު މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންގިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި ޝާމިލު ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

