ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރުމުގެ އައު އުސޫލުތަކެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅައި އިއުލާންކޮށްފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ކަނޑައަޅައިފައިވާނެ ކަމަށެވެ.
އެގޮތުން އައު އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރުމަށް ނިންމައިފައިވަނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރުމަށް ނިންމައިފައިވަނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންކަމަށް ވަނީ ބުނެފައެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރުމަށް ނިންމައިފައިވަނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ޤަވައިދާ ޙިލާފަށް ޕާކު ކޮށްފައިވާ އުޅަދުތައް ދޫކުރުމަށް ނިންމައިފައިވަނީ 48 ގަޑިއިރު ހަމަވުމުންނެވެ.
މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފަހައްޓައިފައިވާ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށްފަހު 7 ދުވަހުގެ ތެރޭގައެވެ.
މި އައު އުސޫލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ. މި އުސޫލުތަކަށް ގެޒެޓުގައި ޝާއިއު ކުރި ދުވެހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މަގުމަތީގައި ޤަވައިދާ ޙިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުން ނެވެ. އެގޮތުން މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި ސައިކަލުތައް ދަނީ ނަގަމުންނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކް ކުރާ އުޅަނދުތަކާއި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ”އޭ“ ޒޯންގައި ދުއްވާ ދުއްވުމާއި ޕާކް ކުރުމާއި ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވައިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެފަދަ އުޅަނދުތައް ވަގުތީ ގޮތުން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި ބޭއްވޭނެ ގޮތް ހަމަޖައްސާފަ އެވެ. މިއީ ހުޅުމާލޭ ފޭސް ދޭއްގައި ހުރި އެމްއޭސީއެލްގެ ފްލެޓްތަކާ ޖެހިގެން އޮންނަ ބިމެވެ.
ޓްރާންސްޕޯޓް މިނިސްޓްރިން ވަނީ ހުޅުމާލެ ސަހަރާ މިސްކިތް ގާތު އޮންނަ ހުސްބިން ހުޅުމާލޭގައި ޓެކްސީތަކާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ވަގުތީ ބިމެއް ކަނޑައަޅައިފައެވެ. ހުޅުމާލެ ސަހަރާކުރިމަތީގައިވާ ހުސްބިމަކީ 90،000 އަކަފޫޓުގެ ބިމެކެވެ. އެ 90،000 އަކަ ފޫޓުގެ ބިމުގެ ތެރެއިން 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައްފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށްވާއިރު، 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.

