އެޗްޑީސީން ހުޅުމާލޭގައި ހަދަމުންދާ ރައުންޑްއެބައުޓްތަކަށް ހާއްސަ މޮނިއުމެންޓްތަކެއް ޑިޒައިންކުރުމަށް ރުފިޔާގެ އިނާމާއެކު މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާޓިސްޓުންނާއި، ޑިޒައިނަރުންނާއި އަދި އާކިޓެކްޓުންނަށް ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންނަށާއި އަދި ގުޅުންހުރި ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށެވެ. އަދި ފަސް މީހުންގެ ޓީމަކުންވެސް ޑިޒައިންތައްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އާޓިސްޓުންނާއި، ޑިޒައިނަރުންނާއި އަދި އާކިޓެކްޓުންނަށް މި ފުރުސަތު ޙުޅުވައިލައިފައިވާއިރު، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި މޮނިއުމެންޓްތައް ޑިޒައިންކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ހިމެނޭ ގައިޑްލައިނެއް ވެސް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.
ގައިޑްލައިންގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ މޮނިއުމެންޓަކުން ވެސް ދިވެހިންގެ އުސޫލުތަކާއި، ގައުމިއްޔަތާއި، ސަގާފަތާއި، ތަރިކައާއި އަދި ތާރީޚު ރަމްޒުކޮށްދޭންޖެހޭއެވެ. އަދި، ޖުމްލަ 17 މޮނިއުމެންޓް ޑިޒައިންކުރާނެ ކޮންސެޕްޓްތައް ވަކިވަކިން ހުށަހަޅަންޖެހޭނެއެވެ. މި ޑިޒައިންތައް ހަދަންޖެހޭނީ ޓްރެފިކަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށާއި، ރޯޑް ސޭފްޓީގެ ގަވާއިދުތަކަށް ފެތޭ ގޮތަށް ކަމަށް ވަނީ ބުނެފައެވެ.
މި މުބާރާތަށް ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ. އަދި މުބާރާތުން މޮޅުވާ ފަރާތެއް އިޢުލާންކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

