މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯރުމުވުމުގެ މަސައްކަތްތަކަށް އެޑެޕްޓޭޝަން ފައިނޭންސް ދެގުނަ ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
އދގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، 1989 ފުރަތަމަ ”ކޮންފްރެންސް އޮން ސްމޯލް ސްޓޭޓްސް އެންޑް ސީ ލެވެލް ރައިޒް“ ބޭއްވީ ރާއްޖެއިންކަމަށެވެ. އަދި އޭރު ހުށައެޅި ލިޔެކިއުންތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުމަކީ މުޅި ދުނިޔެއަށްވެސް ހުރި ނުރައްކަލެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމަށާއި އެކަމުގެ ސަބަބުން ބިމާއި އިންފްރާސްޓްރަކްޗާއަށްވެސް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް ބަޔާންކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުފުލިގެންދިއުމުގެ މައްސަލައަށް ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައިވާނެކަމަށެވެ. އަދި އެކަމުން އަރައިގަތުމަށްޓަކައި އެކި ވަސީލަތްތަކައް ލިބޭނެ މަގު ފަހިވެފައި އޮތުމުގެ މައްޗަށްވެސް އަލިއަޅުވާފައިވާނެކަމަށާއި މިކަމުގެ މަޝްވަރާތަކުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވާނެކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތްތައް ކުރުމަށް ވޯކިންގް ގުރޫޕެއްވެސް އެކުލަވާލުމަށް ގޮވާލިކަމަށެވެ. އަދި މިހާރު އެ ގުރޫޕު، ކުދި ގައުމުތަކުގެ އިއްތިހާދަށް ބަދަލުވެފައިކަމަށާއި އެކުލަވާލުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ކުރަމުން އައިސް އދގެ އާންމު މަޖިލީހާއި ހިސާބަށް ވާސިލުވެފައިވާކަމަށް ރާއްޖެއިން އުފާކުރާކަމަށާއި ސަބަބަކީ ކުއްލި ހާލަތެއްގެ ނުރައްކާތެރިކަން ބޯމަތިވެފައިވުންކަމަށްވެސް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެކަންކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކޮށްފައިވާކަމަށާއި ދިވެހިންގެ ސަގާފަތާއި ތަރިކައަށްވެސް އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ގުދުރަތީ ކާރިސާތަކާއި އެކަންކަމުން ވެގެންދާ ގެއްލުންތައްވެސް އިތުރުވެފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ނޭދެވޭ އަސަރުތައް ކުރާކަމަށާއި ދިވެހިރާއްޖެއިން ކުރަމުންދާ ތަރައްގީގެ މަސައްކަތްތަކުގައި ފަހަތަށް ސޮއްސާލުމަށް ދިމާވުމުގެ އިތުރުން ދިވެހި އިގްތިސާދުވެސް ނުރައްކަލަށް ހުށައެޅިގެންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކާއި އެކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަށް ދިމާވާ މައްސަލަ ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން ކޮންމެހެންވެސް ބޭނުންތެރިކަމަށެވެ. އެމަނިކުފާނު ވިދާޅުވި، އެކަމަށްޓަކައި އުސޫލެއްގެ މަތިން ބައިނަލްއަގުވާމީ މައިދާނުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ އަޅަންޖެހެނީ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް މިފަދަ ދަތިތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުވެގެންދާ ފަދަ ފިޔަވަޅުތަކެއް ކަމަށާއި އެގޮތުގެ މަތިން ކުރެވިދާނެ އެއް ކަމަކީ ވީހާވެސް އަވަަކަށް އެފަދަ ގައުމުތަކަށް އެޑެޕްޓޭޝަން ފައިނޭންސް ލިބޭނެ މަގުފަހިކުރުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކާއި އެކަމުގެ ސަބަބުން ކުރާ އަސަރާއި އެކަމުން އަރައިގަތުމަށްޓަކައި ފޯރުވާ އެހީތެރިކަން އަދި އެއްހަމަ ނޫންކަމަށެވެ. އެހެންކަމުން އެ ތަފާތުތައް ކުޑަކުރުމަށް ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށާއި އެޑެޕްޓޭޝަން ފައިނޭންސިންގް ދެ ގުނަ ކުރުމަށް އިލްތިމާސް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފައިނޭންސް އާއި ހިސާބަށް ވާސިލުވުމަށްޓަކައި އޮންނަ ދަތި އުނދަގޫ އެޕްރޫވަލް ޕްރޮސީޖާތަކާއި ޝަރުތައްވެސް އުނިކުރުމަށް ގޮވާލާކަމަށާއި ބޭނުންތެރިވާ ހާލަތެއްގައި ފައިނޭންސިންގް ލިބޭނެ މަގު ފަހިކުރުމަށް ބާރު އަޅުއްވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވާ ގޮތަށް އެހީތެރިކަން ފޯރުކޮށްދީގެން ނޫނީ، މީގެ ކުރިން ޕެރިސް އެގްރީމެންޓުގެ ދަށުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުނުކުރެވޭނެކަމަށާއި މިކަމަށްޓަކައި ސިޔާސީ ހިތްވަރުގެ އިތުރުން ވިސްނުންތެރިކަމާއިއެކު އަމަލުކުރުންވެސް މުހިންމުކަމަށެވެ.

