މުސްތަގުބަލު އުޖާލާކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ސާބިތު ކަމާއިއެކު އަޅަން ފަށާފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓޭއްގައި ބުނެފައިވަނީ، ގިނަ ރައީސުން މަގާމް ގެއްލިދާނެތީ، ނޫނީ ރައްޔިތުންގެ ތާއިދު ގެެއްލިދާނެތީ ކުރަން ނުކެރުނު އެތައްކަމެއް މި ގައުމުގެ ރައީސް ޑރ މުއިއްޒު ތަންފީޒު ކުރަން ފައްޓަވައިފައިވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ، ވެރިއެއްގެ އެންމެ ބޮޑު ޒިިންމާއަކީ ގައުމުގެ ޝާނާއި ޝައުކަތު އެހެން ގައުމުތަކުގެ ކުރިމަތީގައި ނެގެހެއްޓުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބާރުތަކާއި އިސްތިގްލާލު ދެމެއްޓުމާއި، ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާވާނެ ކަންކަމުގައި ޙާރިޖީ ގުޅުންތައް ދޭދޭ ގައުމުތަކުގެ މެދުގައި ބަދަހިކުރުން ކަމަށެވެ.
ގައުމުގެ އިގްތިސާދު ކޮޅަށްޖަހައި ނަފާވެރި އުފެއްދުންތެރި ވަތަނީ އަދި ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމާއި، ގައުމުގެ ހައްގުގައި އަޑުއުފުލަންޖެހޭ ކޮންމެ ތަނެއްގައި ފަސްޖެހުމެއް ނެތި ބަސްބުނަން ކެރިވަޑައިގަތުމަކީ ވެރިއެއްގެ ޒިންމާއެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ދިވެހީންގެ ފަހުރުވެރި ރައީސް ޑރ. މުއިއްޒު މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ސާބިތުކަމާއި އެކު މިގައުމުގަައި ހުރިހާކަމެއް ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ދައްކަވަމުން ގެންދަވާ ހިއްވަރަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީސް ވަނީ ތަޢުރީފު ކުރައްވައިފައެވެ.
މިވަގުތު ރައީސްވަނީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންފައެެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސް ދަނީ ތަޤުރީރުކުރައްވަމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބަހުސެއްގައިވެސް އެމަނިކުފާނުވަނީ ބައިވެރިވެވަޑައިގަތް ފައެވެ.

