ޕޮލިސް ކޮންސްޓަބަލް އާދަމް ހަލީމު އޭނާގެ ރަސްމީ މަސައްކަތް ޑިއުޓީ އަދާކުރަމުން ދަނިކޮށް، މީގެ 12 އަހަރު ކުރިން އޭނާއަށް ހަމަލާދީ މަރާލިކަމުގެ ކުށުގައި ކ. ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ދަށު ކޯޓާއި ހައިކޯޓުން ނިޔާ ކަނޑައެޅި އެވެ.
ޖުލައި 2012 ގައި ކ. ކާށިދޫގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދިން މައްސަލައިގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭގެ ޖެހިގެން އައި އަހަރެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރި ހުކުމްގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އެ ހުކުމް ހައިކޯޓުން ދެމެހެއްޓީ 2020 ވަނަ އަހަރުގަ އެވެ.
ހަައިކޯޓުން ހުކުމް ކުރިތާ ތިން އަހަރު ފަހުން ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ޝަރީއަތުގެ އަޑުއެހުންތައް ފެށީ 2023 ގެ ޖެނުއަރީ މަހު އެވެ. މައްސަލައިގެ ތެރޭގައި ހިމެނޭ މައިގަނޑު ގާނޫނީ ބަހުސްތައް ދައުރުވަނީ މަރުގެ ކުށުގެ މައްސަލަތައް ސާބިތު ކުރުމުގައި ދައުވާ ލިބޭ ފަރާތުގެ އިއުތިރާފު ބަޔާނަށް ބުރަދަން ދިނުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ކަންތަކާއި ގުޅޭގޮތުންނެވެ.
މުޅި މައްސަލަ ބިނާވެފައިވާ ގޮތަކީ، ސަމާހު ގޭބަންދުގައި ވަނިކޮށް އެއާއި ހިލާފުވެ ބޭރަށް ނިކުމެފައިވާތީ 23 ޖުލައި، 2012 ގެ މެންދަމު 12 ޖަހާ އެހައިކަށްހައިއިރު ޕޮލިސް ކޮންސްޓަބަލް އާދަމް ހަލީމް، ސަމާހު ދިރިއުޅޭ ގެއަށް ގޮސް އޭނާ ޕޮލިސްޓޭޝަނަށް އައުމަށް އެންގުމުންނެވެ. އެކަމާ ހިތްހަމަނުޖެހުގެން ހަތަރު އިންޗި ހުންނަ ވަރުގެ ތޫނު ވަޅިއަކުން އާދަމް ހަލީމްގެ ވާތްފަރާތު ކޮނޑުހުޅުގެ ކައިރިއަށް ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އެރޭގެ ވަގުތެއްގަ އެވެ. އެހެންވެ ސާމާހު ގަސްތުގައި އާދަމް މަރާލިކަމުގެ ކުށުގެ ތުހުމަތުކޮށް އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލީ އެވެ.
ކްރިމިނަލް ކޯޓުގައި 2012، ޖުލައި 31 ގައި ޝަރީއަތް ފެށުމުން، މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ސަމާހު ކުށަށް އިއުތިރާފުވިކަމަށް ބުނެފަ އެވެ. އޭގެފަހުން އެ އަހަރުގެ ނޮވެމްބަރު 12 ގައި ބޭއްވި ޝަރީއަތުގައި ސަމާހު އެ އިއުތިރާފަށް އިންކާރުކޮށް ބުނީ، މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިއުތިރާފުވީ ފުލުހުން ބިރު ދައްކައި އަނިޔާ ކުރުމުން ކަމަށެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ވަނީ ޖުލައި މަހު އޮތް އަޑުއެހުމުގައި ސަމާހު ކުށަށް އިއުތިރާފުވިކަމަށާއި ގަސްތު މަރުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށެވެ. އަދި ކުށަށް އިއުތިރާފުވީ ފުލުހުން ބިރު ދެއްކުމުގެ ސަބަބުންކަމަށް ސަމާހު ބުނި ބުނުމަށް ބާރުދޭ ހެއްކެއް ނުވަތަ ކުރިންވީ އިއުތިރާފާއި މެދު ޝުބުހާއެއް އުފެދޭ މިންވަރުގެ ހެއްކެއް އޭނާއަށް ދެއްކިފައި ނުވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ސަމާހުވެފައިވާ އިއުތިރާފަކީ ޝަރުއީ އުސޫލުން ރުޖޫއަ ނުވެވޭނެ ފަދަ ސައްހަ އިއުތިރާފެއްކަމަށާއި ސަމާހު، އާދަމް ހަލީމަށް ވަޅިން ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރެކަމަށް ބުނި ނަމަވެސް ބިރު ދެއްކުމުގެ ގަސްތު އޮތްކަމަށް އޭނާ ބުނެފައި ވާތީ އާދަމް ހަލީމް މަރާލުމުގެ ނިޔަތް އޮތްކަން އެނގޭކަމަށެވެ.
ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތަކީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން މަރަށް މަރު ހިފުންކަމަށް ވާތީ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެވެ. އޭގެ ބާރަ އަހަރު ފަހުން ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެންމެ ނުކުތާއެއްގެ މައްޗަށެވެ. އޭނާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ހައިކޯޓުން މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށެވެ.
އެ ނުކުތާތަކުގެ ތަފްސީލުގައި ސަމާހު ބުނެފައި ވަނީ އިއުތިރާފުގެ ސައްހަކަން ހައިކޯޓުން ކަށަވަރުކޮށްފައި ނެތްކަމަށެވެ. އަދި އެ އިއުތިރާފަކީ ރުޖޫއަވެފައިވާ އިއުތިރާފަކަށްވާއިރު އޭގެ މައްޗަށް ބިނާކޮށްކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފީ ނުކުތާގައި ވެއެވެ.
މީގެއިތުރުން ކުށަށް އިއުތިރާފުވީ ފުލުހުންގެ އަނިޔާތަކަށް މަޖުބޫރުވެގެންކަމަށް ބުނުމުން ވެސް އެކަމަށް ބާރުދޭ ހެކިތައް ހުށަހެޅުމަށް ފުރުސަތުދީފައި ނުވާކަމަށް އޭނާ ހުށަހެޅި އެވެ. މި ނުކުތާތަކުގެ މައްޗަށް ސަމާހު އެދިފައި ވަނީ، މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީކޮށްދިނުމަށެވެ.
މައްސަލައިގެ ކަން ހިނގި ގޮތް ކިޔައިދެމުން ދަށުކޯޓުގައި ސަމާހު ބުނެފައި ވަނީ، އޭނާ ބޭރުގައި އުޅުނުތަން ފެނި އާދަމް ހަލީމް އޭނާ ޕޮލިސް ސްޓޭޝަނަށް އައުމަށް ބުނިކަމަށެވެ. އެވަގުތު ހުރީ ޓީޝާޓެއް ނުލައިކަމުން، ގެއަށް ވަނީ ޓީޝާޓެއް ނަގަން ނަމަވެސް ޕޮލިސް އޮފިސަރަށް ބިރު ދައްކާލުމުގެ ހިޔާލެއް އައިސް ވަޅިއެއް ނެގީކަމަށާއި އެކަމަކު އޭރު ހުރީ މަސްތުގެ ހާލަތުގައިކަމުން ހަމަލާ ދެވުނީކަމަށް ބުންޏެވެ. އެއީ އޭނާގެ އަތުން ހިނގިކަމެއްކަމަށާއި، އެހެން ނަމަވެސް އާދަމް ހަލީމް ސީދާ މަރާލުމުގެ ނިޔަތް އޮވެގެން އައިސް ހަމަލާ ނުދޭކަމަށާއި، އެފަފަ ދައުވާއަކަށް އިންކާރު ކުރާކަމަށް ޝަރީއަތުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު އަސްލު ބަހުސަކީ މިއީ އެވެ.
މައްސަލައިގައި މި ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިއުތިރާފަކީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ހަމައެކަނި އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރުމަށް ލިބޭނެ ކާފީ ހެއްކެއްކަމަށެވެ. އެކަމަކު އިއުތިރާފު ސައްހަވުމުގެ އަސާސީ ޝަރުތަކީ އެ އިއުތިރާފަކީ އިތުބާރު ހިފޭ އިއުތިރާފަކަށްވުންކަމަށާއި، އިއުތިރާފަކީ އިތުބާރު ހިފޭ އުއިރާފެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޭނުންކުރާ މައިގަނޑު ހަމައަކީ އެ އިއުތިރާފަކީ މުއްތަހަމު އަމިއްލަ ހިތުންރުހުމުންވާ އިއުތިރާފެއްކަމަށްވުން ކަމަށެވެ.
މަޖުބޫރީ ހާލަތެއްގައި ވާ އިއުތިރާފަކީ ކުށް ސާބިތުކުރުމަށް ފުދޭނެ އިއުތިރާފެއް ނޫންކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ބުނެފައި ވަނީ އިއުތިރާފަކީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި މަޖުބޫރުކަމެއް ނެތި ވެފައިވާ އިއުތިރާފަކަށްވުމާއި އެ އިއުތިރާފަކީ ލާޒިމް އިޖުރާއަތަށް ތަބައަވެގެން ހޯދާފައިވާ އިޖުރާއަތަކަށްވުމާއި އެއީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ. އަދި މައްސަލައިގައި ސަމާހު ބުނެފައިވާ ”އެކަމަކީ އޭނާގެ އަތުން ހިނގިކަމެއް“ ކަމަށް ބުނި ނަމަވެސް ނިޔަތް ނެތްކަމަށް ބުނާއިރު އޭނާ އިއުތިރާފުވެފައި ވަނީ ކުށުގެ ދެ ރުކުނުން ކުރެ ހަމައެކަނި މާއްދީ ރުކުނަށްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން ކުށުގެ ނިޔަތުގެ ރުކުމަށް އޭނާ އިއުތިރާފުވެފައި ނެތްކަމަށް ހުކުމުގައި ވެއެވެ.
މައްސަލައިގައި ވަނީ ދައުވާލިބޭ ފަރާތުގެ ބަޔާނުގައި ހިމެނޭ ކަންކަމުގެ ތެރެއިން ތަންތަންކޮޅު ހޮވައިގެން އެއީ ދައުވާކޮށްފައިވާ ކުށަށް ވެފައިވާ ސައްހަ އިއުތިރާފެއްކަމަށް ނުބެލެވޭނެކަމަށެވެ. އެ އިއުތިރާފަކީ ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައިވީ އިއުތިރާފެއް ނަމަވެސް އެ ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި ބަޔާނުން ޕްރޮސެކިއުޝަނަށް ފައިދާވާ ތަންތަންކޮޅު ހޮވައިގެން އެ ބައިތަކަށް އެކަނި އިތުބާރު ނުކުރެވޭނެކަމަށް ބުންޏެވެ. އަދި ބަޔާނުގައި ހުރި ވާހަކަތަކުގެ ތެރެއިން ހަމައެކަނި މުއްތަހަމާ ދެކޮޅަށް ހުރި ވާހަކަތައް ނުވަތަ އެ ގޮތަށް ހުރި ބައިބައި ފަނޑިޔާރު ނަގައިގެން ނުވާނެކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ މުއްތަހަމާ އެއްކޮޅަށް ހުރި ވާހަކަތަކަށް ވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނެ ކަމަށެވެ.
ޖިނާއީ ޝަރީއަތްތައް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ދައުވާލިބޭ ފަރާތުން ދައުވާއާ މެދު ބުނާ އެއްޗެއް އަޑުއެހުމަށްފަހު ޝަފަހީ ހެކިން ކޯޓަށް ހާޒިރުކޮށް ދައުވާލިބޭ ފަރާތުގެ ވާހަކަތަކުގެ ތެދުވެރިކަން ޝަރީއަތުގެ ފަރާތުން ކަށަވަރުކުރުންކަމަށްވާއިރު ހެކިން ކިޔައިދޭ ވާހަކަތަކުން ދައުވާގައި ތުހުމަތުކޮށްފައިވާ ކަމަކީ ހިނގާފައިވާ ކަމެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށް ފަސޭހަވާނެކަމަށް ހުކުމުގައި ވެއެވެ.
މައްސަލައިގައި ކަން ހިނގި ގޮތް ތަފްސީލުކޮށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ދައުވާއަށް ސަމާހު އިއުތިރާފުވިކަމަށް ބަލައި، އިތުރު ހެއްކެއް ހޯދުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަމަށެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ފެންނަން އޮތީ ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައ،ި އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީހައި އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައ،ި ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމެވެ. އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައ،ި ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކަކު ކޯޓަށް ހާޒިރުނުކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުމެވެ. މިއީ ޖިނާއީ ތަހުގީގުކުރަންޖެހޭ އަދި ޖިނާއީ ޝަރިއަތްކުރަންޖެހޭ ގޮތެއްވެސް ނޫނެވެ. މި މައްސަލައިގައި އިއުތިރާފު ބަޔާނުގެ މައްޗަށް އެކަނި ތަހުގީގުންނާއި ޝަރިއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކަށްވ،ީ ފަހުގެ މަރުހަލާ ތަކުގައި މުއްތަހަމު މުޅި ބަޔާނަށް އިންކާރުކޮށ،ް ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުމެވެ.
ހުކުމުގައި ވަނީ މައްސަލައިގައި ޝަރީއަތުގެ ކުރިމަތީގައި އޮތް ވާހަކަ ބިނާކޮށްފައި ވަނީ ހަމައެކަނި ދައުވާލިބޭ ފަރާތުގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށްކަމަށެވެ. އަދި މިއީ ވަރަށް ބަލިކަށި ގޮތެެއްކަމަށާއި، ސަމާހުގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އާދަމް ހަލީމް މަރާލުމުގެ ގަސްތުގައި އެއްވެސް ކަމެއް ނުކުރާކަމަށްވާއިރު މީގައި ޝަރިއަތުން އަމަލު ކުރެވޭނެ އެއްގޮތަކީ އެ ބަޔާން އެކަތި ގަނޑެއްގެ ގޮތުގައި ގަބޫލުކުރުން ކަމަށެވެ.
މައްސަލައިގައި ސަމާހުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިންތިބިކަމަށާއި އެ ހެކިން ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރަން އެދޭކަމަށް ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވާތީ އެފަދަ ހެކިން ތިބިނަމަ އެ ހެކިން ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު ދިނުމަށާއ،ި ސަމާހުގެ ބަޔާނުގެ ބޭރުން އެހެނިހެން މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުސަތު ދިނުމާއެކު މައްސަލާގައި ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރަން ފެނަނަކަމަށް ނިންމާފައި ވަނީ މައްސަލަ ބެއްލެއްވި ފަނޑިޔާރުންގެ އިތިފާގުންނެވެ.

