ނަސްލެއް ނައްތާލުމުގެ މަސައްކަތް ބަޔަކު ކުރަމުންދާއިރުވެސް، އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކޮށް، އެކަމަށް ނިމުމެއް ގެނައުމަށް ނުކުޅެދިފައިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީއދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ވެރިއަކު، ދެއްވި ފުރަތަމަ ބަޔާނުގައެވެ.
ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާ ފާހަގަކުރައްވާ، ރައީސް ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާކަމަށް ވިދާޅުވެފައެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ. ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ޙައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އީޖާދީ ޙައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.

