ޖޫސްޕެޓީ ކޮތަޅަކަށް އަޅާފައި ހުރި މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ޑައިމޯފިން އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލި މި މައްސަލައަކީ، މ. ބޮއިލިންފިޝް، އަބްދުﷲ ވާހިދު 2019 ޖެނުއަރީ، 09 ގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއިން މަސްތުވާތަކެތި ހިފައިގެން މާލެ ދާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އުސްފަސްގަނޑު ކައިރިން އޭނާ ހުއްޓުވައި ފާސް ކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލަ އެކެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ކައިރުން އަބްދުﷲ ވާހިދު ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ކަނާއަތްފަރާތުގެ ޖީބުން ނެގި ޓިޝޫގަނޑެއްގެ ތެރެއިން، ފެނުނު ޖޫސްޕެޓީ ކޮތަޅުން 100 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.
ދައުވާއަށް އިންކާރުކޮށް އަބްދުﷲ ވާހިދުގެ ގާނޫނީ ވަކީލު ބުނެފައި ވަނީ މައްސަލައިގައި އޭނާ ހުއްޓުވައި ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި ހިލާފަށް ކަމަށެވެ. އަދި އޭނާ ހުއްޓުވިތަނާއި ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުގައި ފުށުއެރުންތަކެއް އެބަހުރިކަމަށް ބުންޏެވެ.
އެ މައްސަލަ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅައި، އަބްދުﷲ ވާހިދުގެ ފަރާތުން ބުނެފައި ވަނީ ހައްޔަރު ކުރެވޭ މީހާގެ މައުލޫމާތު ފޯމުގައި އޮތީ ”ކ. މާލެ، ބޮޑުރަސްގެފާނު މަގު“ ނަމަވެސް ޕީޖީގެ ފަރާތުން ދައުވާ ކުރާ ސަބަބު ބަޔާން ކުރަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ކ. މާލެ، ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ކައިރިންކަމަށް ބުނާކަމަށެވެ. އެ މައްސަލައިގައި ޝަރީއަތުން ބުނީ ފުލުހުންގެ ތަހުގީގަށް އަބްދުﷲ ވާހިދު ދިން ބަޔާނުގައި ވެސް އުސްފަސްގަނޑު ކައިރިން ހައްޔަރު ކުރިކަން އެނގެން އޮތުމުން ބޮޑު ރަސްގެފާނު މަގު ލިޔެވިފައިވަނީ ކުށަކުންކަމަށެވެ.
ހާމިދު ދައުވާއަށް އިންކާރު ކުރުމުން އޭނާއާއި ދެކޮޅަށް ދައުލަތުން ގިނަ ހެކިތައް ހުށަހެޅި އެވެ.
މައްސަލައިގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އަބްދުލްވާހިދު އެއްލައްކަ ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ. އަދު އެ ފައިސާ ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައި ވެއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ އިސް ގާޟީ އާދަމް މުހައްމަދެވެ.

