އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އދގައި ތަގުރީރުކުރަމުން ދައްކާލި މެދުއިރުމަތީގެ މެޕުގައި ފަލަސްތީނުގެ ގޮތުގައި ކަނޑައެޅިފައިވާ ބިން ނެތްކަމަށް ބައިނަލްއަގުވާމީ މީޑީއާތަކުން ބުނެފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ އދގައި ތަގުރީރުކުރުމަށް ދިއުމުން ގިނަ އަދަދެއްގެ ޑިޕްލޮމެޓުން މަޖިލީހުން ނުކުތްކަމުގެ މައްޗަށް އަލިއަޅުވައި ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނެތަންޔާހޫވަނީ މި ތަގުރީރުގެ ތެރެއިން މެދުއިރުމަތީގެ މެޕެއް ދައްކާލާފައެވެ. އަދި އޭނާވަނީ އެ ސަރަހައްދުގައި ލައްވާފައިވާ ”ބަރަކާތާއި“ ”ލައުނަތުގެ“ ގޮތުގައި ގައުމުތައް ފާަހަކޮށްފައެވެ.
ދެ މެޕެއް ދައްކާލިއިރު އެއް މެޕުގައިވަނީ ސީރިޔާ، އީރާނުގެ އިތުރުން ޔަމަން ކަޅުކުލައިން ފާހަގަކޮށްފައެވެ. އެ ގައުމުތަކަކީ މެދު އިރުމައްޗަށް ލައްވާފައިވާ ލައުނަތެއްގެ ގޮތުގައި އޭނާ ފާހަގަކުރިއިރު ފެހިކުލައިން ފާހަގަކޮށްފައިވާ މެޕުގައި އޭނާވަނީ ސައުދީ އަރަބިއްޔާ، ޖޯރޑަން، އިޖިޕްޓު، ސޫދާން އަދި ބަހްރެއިންގެ އިތުރުން ޔޫއޭއީވެސް އެ ސަރަހައްދަށް ލައްވާފައިވާ ބަރަކާތުގެ ގޮތުގައި ބަޔާންކޮށްފައެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އޭނާ ދައްކާލި މެޕުތަކުގައި ފަލަސްތީނުގެ ގޮތުގައި ކަނޑައެޅިފައިވާ ބިން ފެންނަން ނެތުމުންކަމަށެވެ.
ފެހިކުލައިގައި ތިބި ގައުމުތަކަކީ މިހާރުވެސް އިސްރާއީލުގެ ބައިވެރިންގެ ގޮތުގައި ކަނޑައެޅިފައިވާ ގައުމުތަކާއި އެގައުމާއި ބައިވެރިވާނެކަމަށް ބެލެވޭ ގައުމުތައްކަމަށްވެސް ބުނެފައިވާއިރު އެ ގައުމުތަކަކީ އިސްރާއީލާއި ދެމެދު ގުޅުން ނޯމަލައިޒް ކުރުމަށް ނުވަތަ ކުރުމުގެ މަގުމަތީގައިވާ ގައުމުތައްކަމަށްވެސް ރިޕޯޓުގައިވެއެވެ.
މި ތަގުރީރުގައި އޭނާވަނީ ލުބުނާނު އަދި ސީރިޔާ އާއި ޔަމަނުގައި ހިނގަމުންދާ ނޭދެވޭ ކަންކަމުގެ ފަހަތުގައިވާ ސަބަބުގެ ގޮތުގައި އީރާން ފާހަގަކޮށްފައެވެ. އަދި އޭނާ ލައުނަތެއްގެ ގޮތުގައި ބަޔާންކުރި ގައުމުތަކާއި އީރާނާއި ގާތް ގުޅުންތަކެއް އޮތްކަމަށްވެސް އިޝާރާތްކުރިއެވެ. އެގޮތުން އީރާނުން ލުބުނާނުގައި ތިބި ހިޒްބުﷲ ޖަމާއަތުގެ އިތުރުން ޔަމަނުގެ ހޫތީނަށްވެސް އަސްކަރީ އެހީ ފޯރުވާކަމަށާއި އެއީ ގައުމުގެ ފަނާކުރަނިވި ނުފޫޒުގެ ހެއްކެއްކަމަށެވެ. ނެތަންޔާހޫ ސިފަކުރިގޮތުން އިސްރާއީލުންދަނީ އެކި ފަރާތްތަކުން އަމާޒުކުރަމުންދާ ހަމަލާާތަކުން ދިފާއުވުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ.
އދގެ ބައްދަލުވުމުގައި އޭނާވަނީ އިންޒާރުތަކެއްވެސް ދީފައެވެ. އެގޮތުން ހަމަލާއެއް ދީފިޔާ އެކަމަށް ޖަވާބުދޭނެކަމަށާއި ދޭން ޖެހިއްޖެ ހާލަތެއްގައި މެދުއިރުމަތީގެ ކޮންމެ ތަނަކަށްވެސް ހަމަލާ ދިނުމުގެ ގާބިލުކަން ހުރިކަމަށް އޭނާ ހިއްސާކުރިއެވެ. އަދި އިސްރާއީލުން ލުބުނާނާއި ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ އީރާނުގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކުގެ ނަތީޖާކަމަށާއި ހިޒްބުﷲ ޖަމާއަތުން ހަނގުރާމައިގެ މަގުން ކުރިއަށް ދާ ހިނދު އެ ނުރައްކާތައް ނައްތާލުން ނޫން ގޮތެއް އިސްރާއީލަށް ނެތްކަމަށެވެ.

