ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ރާއްޖެ ބައިނަލްއަގުވާމީ މުޖުތަމައިން އެކަހެރިވެގެންދިޔަކަމަށް އެންވައިރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަށް ކުރެއްވި ދަތުރާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުންތަކާއި އެކު ރައީސް ޔާމީން ވެސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ނުނިކުންނަކަމަށެވެ.
ރައީސް ޔާމީން އދ. އަށް ވަޑައިގެންފައި ނުވާތީ އެކަން ފާހަގަކޮށް ތޯރިގު ވިދާޅުވީ، ގައުމުތައް ގުޅިގެން ޑިޕްލޮމެސީގެ އުސޫލުން މަސައްކަތްތައް ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވިސްނުންފުޅުގައި ނެތްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، 2015 ވަނަ އަހަރުގެ ތެރޭގައި ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ކަނޑައެޅުމަށާއި ޕެރިސް އެގްރީމެންޓު ގާއިމުކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަންވިއިރު ރައީސް ޔާމީން އެތަނުގައި ނެތްކަމަށެވެ. އަދި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެފަދަ މަސައްކަތްތަކުގައި އެމަނިކުފާނު ތަކުރާރުކޮށް ލިބުނު ފުރުސަތުތަކަށް އިންކާރުކޮށް ބައިވެރިވެވަޑައިގެންފައި ނުވާކަމަށެވެ.
ތޯރިގު ވިދާޅުވީ، ލީޑަރުންނަކީ ރައްޔިތުން ތަމްސީލުކޮށް ގައުމު ކުރިއަރުވައި މަސްލަހަތު ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރަންޖެހޭ ބައެއްކަމަށެވެ. އަދި އެމީހުންގެ ޒިންމާއަކީ ބައިނަލްއަގުވާމީ މުޖުތަމައިން ވަކިވެގަތުން ނޫންކަމަށްވީ ނަމަވެސް ރައީސް ޔާމީން އަމަލުކުރެއްވީ އެގޮތަށްކަމަށާއި ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާއި އެކަހެރިކޮށްލިކަމަށެވެ.
ތޯރިގު ވިދާޅުވީ، ރައީސް މުއިއްޒުއާއިއެކު މަސައްކަތްކުރަން ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށެވެ. އަދި ރައީސް މުއިއްޒަކީ އެކި ފަހަރުގެ މަތިން ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް އަހައްމިއްޔަތުކަން ލީޑަރެއްކަމަށް ވިދާޅުވި އެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ތަގުރީރުކުރެއްވި ދިވެހި ރައީސްއަށް ރައީސް މުއިއްޒުވުމަކީ ތާރީހުގައި ލިބިގެން ދިޔަ ބޮޑު ފަހުރެއްކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔެއަށް ވެސް ހުޅުވިފައިވާ ގައުމެއްކަން އެމަނިކުފާނު ދައްކަވާފައިކަމަށާއި ރާއްޖެއިން ހުރިހާ އެންމެނަށްވެސް އެއްބަސްވެވޭ ހައްލަކަށް މަސައްކަތްކުރުމަށް ތައްޔާރުކަން އެކަމުން އެނގިގެންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ހައްލުތައް ހޯދުމަށް މަސައްކަތް ކުރާނީ ގައުމުގެ މަސްހަލަހަތަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ރިއާޔަތްކޮށްގެންނާއި ރައްޔިތުންނާއި ދިވެހިރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށްވެސް ރިއާޔަތްކޮށްކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން މިހާރަށްވުރެ ރަނގަޅުގެ ކުރިމަގަކަށް މަސައްކަތްކުރުމުގެ ހިތްވަރު ލިބިގެންދާކަމަށެވެ.

