ދައުލަތުގެ މީޑިއާ ޕީއެސްއެމުން ޑޮލަރު މާރުކުރުމާއި އާމްދަނީން އަދި ތިޖޫރިން ނުވަ މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގަ އިވާ ގޮތުން ޕީއެސްއެމުން ގެއްލިފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 4.9 މިލިއަން ރުފިޔާ އާއި ތިޖޫރީގައި ހުރި 190،000ރ. އެވެ. ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީގައި ކަމަށާއި އެހެންކަމުން އެ މައްސަލަ ފުލުހުން އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2024 ގެ ނިޔަލަށް 373،988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ކަމަށާއި އެކަމަކު އޭގެ ތެރެއިން 80 ޕަސެންޓު ފީއެސްއެމަށް ނުލިބޭ ކަމަށެވެ. ޕީއެސްއެމަށް ލިބުނީ އެ ރުފިޔާއަށްވާ ޑޮލަރުގެ ތެރެއިން އެންމެ 76،731 ޑޮލަރެވެ. ބާކީ 297،257 ޑޮލަރު އެ ކުންފުންޏަށް ވަދެފައިވާކަން އެނގެން ނެތް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

