ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް އެޑްމިނިސްޓްރޭޝަން ކޯޕަރޭޝަން މެކޭނިޒަމް (ބްރިޓަކޮމް) ގެ ފަހުމުނާމާގައި މީރާއިން ސޮއިކޮށް، ބްރިޓަކޮމްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ.
ހޮންގް ކޮންގގައި ބޭއްވުނު 5 ވަނަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް ކޯޕަރޭޝަން ފޯރަމްގައި އޮތް ރަސްމިއްޔާތުގައި މި ފަހުމުނާމާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު، ސޮއި ކުރެއްވީ މިދިޔަ ހަފްތާގަ އެވެ.
ބްރިޓަކޮމް އަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ރީޖަންގެ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށާއި، މެންބަރު ގައުމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފަހިކޮށްދިނުމަށްޓަކައި ޓެކްސް ކޯޕްރޭޝަން މެކޭނިޒަމެއް އެކުލަވައިލުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި އިނީޝިއޭޓިވްގެ މެންބަރެއްގެ ހައިސިއްޔަތުން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، މަޝްވަރާ ބައްދަލުވުންތަކުގައި މީރާގެ މުވައްޒަފުން ބައިވެރިވުމުގެ ފުރުސަތު ލިބި، ޓެކުހުގެ ނިޒާމު ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ ދެނެގަނެ މީރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބްރިޓަކޮމްގައި ބައިވެރިވުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ސަރަހައްދުގެ ޓެކްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ރަގަނޅުކުރުމަށްޓަކައި ބްރިޓަކޮމް އިން އަދާކުރާ ދައުރާއި، ޓެކްސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލުހޯދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ހަރުދަނާ ޓެކްސް ނިޒާމުތައް ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މީރާގެ އަމާޒަކީ، ބްރިޓަކޮމްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި ޓެކުހުގެ އިދާރީ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދެވޭނެ ޤާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމެވެ.

