އިޒްރޭލުން ދިން ހަމަލާތަކެއްގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުށްވެރި ކުރައްވައިފި އެވެ.
ލުބުނާންގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާތަކުގައި، ހިޒްބުﷲ ގެ ލީޑަރު، ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައިވާކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހިޒްބުﷲ އިން ބުނެފައި ވަނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދޭން ފެށި ހަމަލާތަކަށް ފަހު، މިފަހުން އެ ގައުމަށް އެންމެ ވަރުގަދަ ހަމަލާތައް ދެމުން އައީ ހިޒްބުﷲ ޖަމާއަތުންނެވެ. އެހެންވެ އިޒްރޭލުން ދަނީ، ހުއްޓުމެއް ނެތި ލުބުނާނަށް ރެއިން ފެށިގެން އަނެެއްކާވެސް ހަމަލާތައް ދެމުންނެވެ.
ވައިގެ މަގުން ރޭ ދިން ހަމަލާއެއްގައި ނަސްރުﷲ އަވަހާރަކޮށްލާފައިވާކަމަށް، އިޒްރޭލުން ވަނީ ރޭ އިއުލާނުކޮށްފަ އެވެ. އަދި ހިޒްބުﷲ ޖަމާއަތުން އެކަން މިއަދު ކަށަވަރުކޮށްދިނެވެ.
މިކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒްރޭލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އާއި ލުބުނާންގެ އާންމުނަށް ދޭ ހަމަލާތައް ކުށްވެރި ކުރާކަމަށެވެ. މެދުއިރުމައްޗަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުމެއް ނެތި، ތަކުރާރު ކުރާއިރު ވެސް އެ ގައުމަށް އެއްވެސް އަދަބެއް ލިބުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖްތަމައުގެ ހާލަތު އިތުރަށް ގޯސްވެ، ހަމަނުޖެހުން ހިނގުމުގެ ފުރުސަތު ވެސް އެބައޮތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ސުލްހަ ހޯދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ދުނިޔޭގެ މުސްލިމު ލީޑަރުންނާއި، ގައުމުތަކުގެ ވެރިން އެކުގައި އެއްބައިވަންތަވެ އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ. އަދި
އިޒްރޭލުން ލުބުނާނުގެ 50 އަށްވުރެ ގިނަ ސަރަހައްދުތަކަށް ހަމަލާތަކެއް ދިންއިރު، އެންމެ ވަރުގަދަ ހަމަލާތައް އަމާޒުވީ، ވެރިރަށް، ބެއިރޫތަށެވެ. ރޭ ވެސް ވަރުގަދަ ހަމަލާތަކެއް ބެއިރޫތަށް ދީފައިވާއިރު، އެތަނުގެ ގިނަ އިމާރާތްތަކެއް ބިމާހަމަވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

