އިރާގުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ނިންމާލުމަށް އެމެރިކާ އަދި އެ ގައުމުގެ ސަރުކާރުގެ ދެމެދު އައު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން މި އެއްބަސްވުމާއި ހިސާބަށް ވާސިލުވެފައިވާކަން ހާމަކޮށްފައިވަނީ އެމެރިކާއިންކަމަށެވެ. އެގޮތުން އިރާގުގައި ކޯލިޝަންއެއްގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ކުރަމުން އައިސްފައިވާ މަސައްކަތްތައް 2025 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށާއި ވޭތުވެދިޔަ ވިއްސަކަށް އަހަރު އެމެރިކާއިން ބޭނުން ކުރަމުން އައިސްފައިވާ އިރާގުގެ ބައެއް އަސްކަރީ މަރުކަޒުތަކުން ސިފައިން ފައިބައިފައިވާކަމަށެވެ.
އެހެންނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވަނީ އިރާގުގައި ތިބި 2500 ސިފައިންގެ ތެރެއިން އެ ތަނުގައި ގާއިމުވެތިބޭނީ ކިތަށް މީހުންތޯ ބުނެދިނުމަށް ދެކޮޅު ހަދާފައިކަމަށާއި އެއްކޮށް ސިފައިން ބާލާނެކަންވެސް ކަށަވަރުކޮށްދީފައިނުވާކަމަށް ބައިނަލްއަގުވާމީ ނޫސް ”އޭޕީ“ އިން ރިޕޯޓުކޮށްފައިވެއެވެ.
ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް މީޑިއާތަކަށް މައުލޫމާތު ދިންގޮތުން އެ ގައުމުން އިރާގުގައި ހަރަކާތްތެރިވަމުން އައި ގޮތަށް ބަދަލުތައް އަންނާނެކަމަށް ބެލުން ރަނގަޅުކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިއުލާނުކޮށްފައިވަނީ މެދުއިރުމަތީގެ އަސްކަރީ ވާދަވެރިކަން ބޮއްސުންލައި އިސްރާއީލާއި އީރާނުގެ ބާރުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެމެދު ހަމަލާ ބަދަލުކުރުންތައް ގިނަވެ ނުރައްކާތެރިކަން އިތުރުވެފައިވަނިކޮށެވެ. އެގޮތުން އެ ގައުމުން ޣައްޒާގައި ހަމާސް ޖަމާއަތާއި ހަނގުރާމަކުރަމުންދާއިރު މިހާރު ލުބުނާނުގައި ހިޒްބުﷲ ޖަމާއަތާއި ދެމެދުވެސް މައްސަލަތައް ހޫނުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް އުފެދިގެންދިއުމުގެ ފުރުސަތު އިންތިހާއަށް ބޮޑުއިރު އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާއި އެ މަސައްކަތްތެރިންނަށްވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެފަދަ ޖަމާއަތްތަކުން ހަމަލާތައް ދެމުން އައިސްފައިވާކަމަށެވެ. މި ހަމަލާތައް ހޫނުވަމުންދިއުމަށް މެދުވެރިވީ ހަމާސް އަދި އިސްރާއީލުގެ ދެމެދު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށިގެންދިޔަ މައްސަލަތަކާއި ގުޅިގެންނެވެ.
ފާއިތުވި އަހަރުތަކުގެ މަތިން އިރާގުގެ އޮފިޝަލުންވަނީ އެ ގައުމުގައި ތިބި ކޯލިޝަން ސިފައިން ބޭލުމަށް ގޮވާލާފައެވެ. އަދި އެމެރިކާ ސިފައިންގެ ހަރަކާތްތައް އެގައުމުގައި މަދުކުރުމަށްޓަކައި މަޝްވަރާތައް ކުރެވެމުންދާތާވެސް އެތައް މަހެއް ވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުން އަލަށް ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދެ ފިޔަވެއްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާކަމަށެވެ.
ސެޕްޓެމްބަރު 2025ގެ ތެރެއަށް ދެމިގެންދާނެ ފުރަތަމަ ފިޔަވެހީގައި އައިއެސް ޖަމާއަތާއި ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް ނިމުމަކަށް އައިސް އެތައް ޒަމާނެއް ވަންދެން އެމެރިކާއިން ބޭނުން ކުރަމުން އައިސްފައިވާ ބައެއް އަސްކަރީ މަރުކަޒުތައް ދޫކޮށް ސިފައިން ފައިބާނެކަމަށް މައުލޫމާތު ދީފައިވާއިރު ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބަށްފަހު އިރާގުގެ ހުޅަނގުގައި ހުންނަ އައިން އަލް އައްސަދު ވައިގެ ބަނދަރުގެ އިތުރުން ބަގްދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުންވެސް ސިފައިން ފައިބާނެކަމަށެވެ. އެހެންނަމަވެސް ނަން ހާމަނުކުރުމަށް ބުނެ އިރާގުގެ އޮފިޝަލަކު ނޫހަށް މައުލޫމާތު ދިންގޮތުން އެ ސިފައިންތައް ވަނީ އެހެން މަރުކަޒަކަށް ބަދަލުކުރުމަށް ކަނޑައެޅިފައިކަމަށްވެސް ބުނެފައިވެއެވެ.
ދެވަނަ ފިޔަވަހީގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާއިން އިރާގުގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުންދާނެކަމަށާއި އެ ގައުމުގެ އަސްކަރިއްޔާއިން ސީރިޔާގައި ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. މި މައުލޫމާތުތައް އޭޕީއަށް ހާމަކުރީ ބައިޑެންގެ ސަރުކާރުގެ އޮފިޝަލުންތަކެއްކަމަށާއި ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައިވާކަމަށެވެ. އަދި ނިމިގެންދާއިރު އެމެރިކާއިން އެ ގައުމުގައި ކުރަމުންދާ އަސްކަރީ މަސައްކަތްތައް އިތުރަށް ފުޅާވެ ދެ ގައުމުގެ ދެމެދު ސަލާމަތީ ގުޅުންތައް ބަދަހިވެގެންދާނެކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް ވެގެންދާނެ ގޮތާއިމެދު މައުލޫމާތު ދީފައިނުވާކަމަށާއި އެމެރިކާއިން އެ ގައުމުގައި ތިބެނީ ކުރްދިސްތާނުގެ ސަރަހައްދީ ސަރުކާރުން އެކަމަށް އެދިފައިވުމުންކަމަށް އިރާގުން ބުނާކަމަށެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު އަލް ސޫދާނީ ވިދާޅުވީ، އައިއެސް ޖަމާއަތާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް އަޅާފައިވާކމަށެވެ. އަދި އޭނާވަނީ އެ ސަރަހައްދުގައި އަސްކަރީގޮތުން ހަންމަތަކުރެވިފައިވަނީ ސިފައިންގެ ގާބިލުކަމުންކަމަށްވެސް ފާޙަގަކުރައްވާފައެވެ.

