ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައި ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލައިފި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ޑީޕޯޓު ކުރި ބިދޭސީންގެ އަދަދު ހަތަރުހާހުން މައްޗަށް އަރަ އެވެ. ގިނަ ބިދޭސީންނަކީ ބަންދުވެފައިވާ ކުޑަ ގޮޅިތަކެއްގައި ދިރިއުޅެމުން، ކާބޯތަކެތީގެ ވިޔަފާރިކޮށް ގަވައިދާއި ގާނޫނާއި ހިލާފު އެކި މަސައްކަތްތައް ކުރަމުން އައި މީހުންނެވެ.
ސަރުކާރުން ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ފޭސް އަމާޒު ކުރީ، ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހުންނަށެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތް، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ ގިނަ ބަޔަކު ހިފަހައްޓައި ޑީޕޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. އޭގެ ފަހުން ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ތަންތަން ވެސް ބަލައި ފާސްކުރި އެވެ.
އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑޮލަރާއި އެކު ހިފެހެއްޓި ފަސް ބިދޭސީއެއްގެ ތެރެއިން ދެ މީހަކު ވަނީ މިހާރު ޑީޕޯޓުކޮށްލާފަ އެވެ. އަދި ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ޑޮލަރުގެ ވިޔަފާރި ކުރަމުން ދާ ބައެއްގެ މައުލޫމާތު، އިމިގްރޭޝަން ވޮޗްއަށް ލިބި އެ މީހުން ހިފެހެއްޓީ ސެޕްޓެމްބަރު 05 ގަ އެވެ. އެ މީހުން ހިފަހައްޓައި އިމިގްރޭޝަނުން އާންމު ކުރި ފޮޓޯތަކުން ގިނަ އަދަދެއްގެ ބޭރު ޕާސްޕޯޓާއި ބޭރު ފައިސާ ފެނެ އެވެ. މީގެއިތުރުން ދިވެހި ރުފިޔާއާއި، ބޭންކް އޮފް މޯލްޑިވްސްގެ މާސްޓަރ ކާޑު ހުއްޓެވެ. އެ މީހުންގެ އަތުން އަތުލައިގަތް ޑޮލަރުގެ ތަފްސީލާއި، ފެނުނު ބޭންކު ކާޑުތަކުގެ ތަފްސީލު އިމިގްރޭޝަނުން ހިއްސާކޮށްފައި ނުވެ އެވެ.

