ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކާމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރަކު ބެހެއްޓިކަމަށް ބުނެ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެ މައްސަލަ ފޮނުވީ 2020 ވަނަ އަހަރު އެވެ. މައްސަލައިގައި މިއަދު ކޯޓުން ކުރި ހުކުމުގައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.
މައްސަލައިގައި ދައުވާއަށް އިންކާރުކޮށް ޝިޔާމް ވިދާޅުވެފައި ވަނީ ދައުލަތަށް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށެވެ. އަދި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ ހާލަތެއްގައި ނިކުންނާނީ ގޯސް ނަތީޖާތަކެއް ކަމަށެވެ.
އޭރު މި މައްސަލައިގައި ދައުވާ ވެސް އުފުލާފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަކަށް އޭސީސީ ހިންގި ތަހުގީގަށް ފަހު އެވެ. އެކަމަކު އޭގެ ކުރިން ކޮމިޝަނުން އޮތީ މައްސަލަ ތަހުގީގުކޮށް ފައލްކޮށް ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފަ އެވެ.
އޭރު ފުރަތަމަ ނިންމި ައްސަލައިގައި ވަނީ ޝިޔާމްގެ ބައްޕަ ވީއައިޕީ ފެސިލީޓޫގައި ބެހެއްޓީ އޭނާގެ އެންގުމުގެ މަތީންނެވެ. މައްސަލަ ތަހުގީގުކޮށް ބެލިއިރު ސިފައިންގެ ވީއައިޕީ ގޭގައި ޑިފެންސް ވައިސް ޗީފް އަދި ކޯސްޓްގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތީން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށް އޭރު އޭސީސީން ވަނީ ބުނެފަ އެވެ.
އޭގެ ފަހުން ދައުވާ ކުރަން ފޮނުވައި އޭސީސީ ބުނެފައި ވަނީ ޝިޔާމްގެ ބައްޕަ ބެހެއްޓި ވީއައިޕީ ގެއަކީ ސިފައިންގެ ވީއައިޕީ މަރުކަޒެއްކަމަށްވާ އެމްއޭސީސީގެ ބަޔަކަށް ވާތީ އެ ގޭގައި އާންމުންނަށް ނޫޅެވޭނެކަމަށެވެ.

