މާލީ އިސްލާހުތަކެއް ގެނައުމުގައި މުހިންމު ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ނުކުރާކަމަށް އެމްޑީޕީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީ ދިވެހި އިގްތިސާދުގެ ތެރޭގައި ދައުރުކުރުމަށްޓަކައި ސަރުކާރުން މާލީ އިސްލާހުތަކެއް ގެނެސްފައިވާއިރު އިދިކޮޅު ފަރާތްތަކުންދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ ރައީސް، ޝާހިދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭރު ފައިސާ އަދި އެ ފައިސާގެ މުއާމަލާތްތަކާއި ގުޅުން ހުރި އިސްލާހުތަކެއް ގެނައިއިރު ކަމުގައި މަސްލަހަތު ހިމެނޭ މުހިންމު ފަރާތްތަކާއި މަޝްވަރާ ނުކުރާކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތުކަމަށްވާ ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ސީދާ އަސަރު ފޯރާނެކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ބައިވެރިންގެ އިތުރުން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ލިވްއަބޯޑް މަސައްކަތްތައް ކުރާ ފަރާތްތަކާއިއެކު މިކަމާއި ގުޅޭގޮތުން ބޮޑެތި މަޝްވަރާތަކެއް ކުރެވިގެންދިއުން ކޮންމެހެންވެސް ބޭނުންތެރިކަމަށެވެ.
ޝާހިދު ވިދާޅުވީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ބަލައިގަންނަން ޖެހޭކަމަށާއި އައު އިސްލާހުގައި އެކަންކަމަށް ރިއާޔަތްކުރެވިފައި ވާންޖެހޭނެކަމަށެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކާ އަޅާ ފިޔަވަޅުތަކެއް ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ހިއްސާދާރަށް އަސަރުކޮށްގެން ނުވާނެކަމަށާއި އެގޮތަށް ވެއްޖެ މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެކަމަށެވެ.

