ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ޕާޓިތަކަށް ދޭ ފައިސާ: ރިޓާން އޮފް އިންވެސްޓުމެންޓު ނުލިބޭ، ކުރަނީ ކީއްކަންވެސް ނޭނގޭ!

އެމްޑީޕީ ދާއިރާ ނައިބުރައީސްކަމަށް ވާދަކުރުމަށް ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ރައްޔިތުން 44،099،905 ރުފިޔާ ހަރަދުކޮށްފިއެވެ. ދައުލަތުގެ ބަޖެޓުން 6 ޕާޓީއަކަށް މި އަދަދު ބަހާލިއިރު އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއަށް 15،101،580 ރުފިޔާ އަދި ވެރިކަން ކުރާ ޕީއެންސީއަށް 8،167،689 ރުފިޔާ ޕީޕީއެމްއަށް 10،491،054 ރުފިޔާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް 5،314،312 ރުފިޔާ އަދި ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ބިނާކޮށްފައިވާ އަދާލަތަށް 2،547،533 ރުފިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމްގެ އެމްޑީއޭ އަށް 2،477،734 ރުފިޔާ ދީފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް މިގޮތަށް ފައިސާ ދެނީ ރައްޔިތުންގެ މަސްލަތު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުމަށާއި ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކުރުމުގައި ހަރަކާތްތެރިވުމަށެވެ. ނުފޫޒެއް ނެތި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި ފަސްޖެހުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށެވެ. 44 މިލިއަނަކީ މަދު އަދަދެއް ނޫނެވެ. 15 މިލިއަނަކީވެސް މަދު އަދަދެއް ނޫނެވެ. ވަރަށް ގިނަ ކަންކަން ކުރެވިދާނެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކަށް ބަލާއިރު ބޭނުން ޖެހިފައިތިބި ވަކި ވަކި ފަރުދުންނަށް ދަތި ދަނޑިވަޅުތަކުގައި މާލީ އެހީތެރިކަން ދިނުމަކީ ބައެއް ޕާޓީތަކުގެ ފަރާތުން ފާހަގަކުރެވޭ ކަމެކެވެ. ކޮވިޑް19ގެ ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް ސިޔާސީ ޕާޓީއަކުން އިގްތިސާދީ ހީނަރުކަމުގެ އަސަރުކޮށްފައިވާ ރައްޔިތުންނަށް އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިވުމަށް ފަންޑުތައް ހުޅުވުން ފަދަ ކަންކަން ކޮށްފައިވާކަން ބޭރުގެ ނޫސްތަކުގެ މައުލޫމާތުތަކުން އެނގެން އޮވެއެވެ.

ހަރުކަށި ހުދުމުހުތާރު ވެރިން ތިބޭ ގައުމުތަކުގައި ޝަރުއީ ދާއިރާގެ ތެރެއިންވެސް އެހީ ފޯރުވައިދެއެވެ. ދާއިރާގެ ކަންކަން ދެނެގަތުމަށާއި ހަމަތަކެއްގައި އޮންނަ ކަން ކަށަވަރު ކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން ސީދާ ޕާޓީގެ ފަރާތުން މީހަކު ގޮސް ކޯޓުގައި ތަމްސީލު ނުކޮށްދިން ނަމަވެސް ލީގަލް އެއިޑް އޮގަނައިޒޭޝަންތަކަށް އެހީތެރިކަން ދީގެންނާއި ސަބްސިޑައިޒްކޮށްގެންވެސް ގާނޫނީ އެހީތެރިކަން ހޯދުމުގެ މާލީ ގާބިލުކަން ނެތް މީހުންނަށް އެކަށީގެންވާ ޝަރުއީ ރައްކައުތެރިކަން ލިބިގެންދާކަން ކަށަވަރުކުރުމަށް ހޭދަކުރެއެވެ.

ފޫޑް ޑްރައިވްތަކާއި ޑިސްޓްރިބިއުޝަން އިވެންޓުތަކަކީ ބޭރުގެ ނޫސްތަކުން އާންމުކޮށް ފާހަގަކުރެވޭ ކަމެކެވެ. ހާއްސަ ގޮތެއްގައި ދަތިތައް ކުރިމަތިވުމުންނާއި ކާރިސާތައް ކުރިމަތިވުމުން އެހީތެރިކަން ދިނުމަށްޓަކައި މިފަދަ އެތައް ހަރަކާތެއް ޕާޓީތަކުގެ ބަޖެޓުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކުވެސް ކުރިއަށް ގެންދެއެވެ.

ހަމަ މިގޮތަށް ސިއްހީގޮތުން ހުންނަ ހާއްސަ ބޭނުންތަކާއި ވަކި ވަކި ސަރަހައްދުތަކަށް ކުރިމަތިވެގެންދާ އެފަދަ ދަތިތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން އިންތިޒާމުކޮށް ކޭމްޕުތައް ބޭއްވުމުގެ މާލީ ބުރަތައް އުފުލުމަކީވެސް ކުރާ ކަމެކެވެ. ދާއިރާތައް ކަނޑައަޅައި މެމްބަރުން އިންތިހާބުކޮށްފައި ތިބޭކަމަށްވުމުން ދަތި ހާލުގައި އުޅޭ ދާއިރާތަކުގެ ވަކި ވަކި ފަރުދުންގެ ހާލަތާއި އާއިލާތަކުގެ ހާލަތު އެނގެންވާނެއެވެ. ވޯޓު ދެނީ ކޮންމެ މީހަކު ވަކިންނެވެ.

ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ ގައުމެއްގެ ތައުލީމީ މަސައްކަތްތައް ކުރިއެރުވުން ހިމެނޭނެއެވެ. މިގޮތުން ދާއިރާތަކުގައި ތިބި އެކަށީގެންވާ މާލީ ތަނަވަސްކަމެއް ނެތް އާއިލާތަކަށް އަމިއްލަ އިސްނެގުމުންނާއި އެދުމުންވެސް ތައުލީމީ ވަސީލަތްތަކާއި އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުރާކަމެކެވެ. ހާއްސަ ގޮތެއްގައި ޑިޖިޓަލް ޒަމާނެއްކަމަށްވުމުން ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެކަން ކަށަވަރު ކޮށްދިނުމަށްޓަކައި މިފަދަ ކަންކަން ކުރެވިގެންދެއެވެ. ރާއްޖޭގައިވެސް މި ދާއިރާއިން މިފަދަ މަސައްކަތްތައް ކުރަމުން އައިސްފައިވާކަން ފެންނަން އެބަ ހުއްޓެވެ. އެހެންނަމަވެސް އެއީ ވިޔަފާރިވެރިންނާއި ބައެއް މާލީގޮތުން ތަނަވަސް ފަރާތްތަކުގެ އިތުރުން ކުންފުނިތަކުން ކޮށްދީފައިވާ ހިދުމަތްތަކެވެ.

ބައެއް އާދައިގެ ކޮމިއުނިޓީ ހިދުމަތްތައްވެސް ހިންގައެވެ. މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ދަތިތައް ދެނެގަނެ ހައްލުކުރުމުގެ ގޮތުން މަސައްކަތްތައް ކުރެއެވެ. އެގޮތުން ސާފުތާހިރުކަން ގެއްލިފައިވާ ސަރަހައްދުތައް ދެނެގަނެ އެތަންތަން ސާފުކުރުމުގެ ގޮތުން ސަރުކާރުގެ އެއްބާރުލުން ހޯދައިގެންނާއި ވަކިން ވެސް އެފަދަ މަސައްކަތްތައް ކުރެއެވެ. ދުވާރުތަކަށް ފުރޮޅުލީ ގޮނޑީގައި އެރޭނެ ކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރަށް ނުވަތަ ސިޓީ ކައުންސިލަށް ރޭމްޕުތައް ބިނާކުރުމަށްޓަކައި މާލީ އެހީތެރިކަން ދިނުމާއި އަމިއްލަ ގޮތުން ކުރުން ނުވަތަ ޒަމާނީ އެފަދަ ވަސީލަތްތައް ހަދިޔާކުރުމަކީވެސް ކުރާ މަސައްކަތެކެވެ.

މުޖުތަމައުގައި ހާއްސަ އެހީއަށް ބޭނުންވާނެ އެތައް ބަޔަކު ތިބޭނެއިރު އިސްވެ ދެންނެވި ގޮތަށް މާލީ ގާބިލުކަން ހުންނާނީ އެކި ވަަރަށެވެ. ސަރުކާރުތަކުން އެހީތެރިކަން ދިނަސް ދޭނީވެސް ވަކިި ވަރަކަށެވެ. އެހެންކަމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ ގާބިލުކަމުގެ ސަބަބުން އެންމެ ރަނގަޅު ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެގެން ނުދާކަން ޔަގީން ކުރުމުގެ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރުދުންނާއި އާއިލާތައް ދެނެގަނެ އެފަދަ ވަސީލަތްތައް ހޯދައިދުމުގައިވެސް އެހީތެރިކަން ދެއެވެ.

ސިޔާސީ ޕާޓީއަކުން މިފަދަ މަސައްކަތްތައް ކުރަނީ ކީއްކުރަންތޯ ހިތަށް އަރާ ފަރާތްތައްވެސް ތިބޭނެއެވެ. މިފަދަ މަސައްކަތްތައް ކުރަނީ މުޖުތަމައުގެ ތެރޭގައި ގަދަރާއި ލޯބި އަދި ތާއީދު ހޯދުމުގެ ގޮތުންނެވެ. ރައްޔިތުންގެ ތެރޭގައި ޕާޓީގެ ނަމާއި އަޑު އަދި ފިކުރު އާލާކުރުމަަށެވެ. ޕާޓީގެ ނަން އަލިކުރުމަށެވެ. ރާއްޖޭގައި މި މަންޒަރުތައް ނުފެންނަ ކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެހެންކަމުން ސިޔާސީ ޕާޓިތަކަށް ދިވެހިން ކުރާ މި ބޮޑު އިންވެސްޓުމެންޓަށް ރިޓާންއެއް ލިބިގެންދޭތޯ ހަގީގަތުގައިވެސް ވިސްނާލަން ވެއްޖެއެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ފައިސާއިންނާއި ރައްޔިތުންގެ ހައްގުގައި އިންވެސްޓު ކުރާ ފަރާތްތަކުގެ ފައިސާއިން ވިޔަފާރި ކުރުމަށްޓަކައި މިސްރާބު ޖަހާފައިވާއިރު ރައްޔިތުން ކުރާ ހޭދައިގެ މަގުސަދު އޮޅިގެން ނުދާކަން ކަށަވަރު ކުރުން ވަރަށްވެސް ބޭނުންތެރިއެވެ.

ހަމަ އެގޮތަށް ޕާޓީތަކުގެ އާންމު މެމްބަރުންވެސް މިކަމާއިމެދު ވަރަށް ފުންކޮށް ވިސްނާލުން މުހިންމެވެ. މިހާރު އެ ލިބޭ އެތައް މިލިއަނަކުން ތިވެރިންނަށް ވީ ކޮން ފައިދާއެއްތޯއެވެ. މި ދެންނެވި މަގުން މަސައްކަތް ނުކުރާނަމަ އަހަރެއްގެ މައްޗަށް އެދޭ ފައިސާއިން އެ ކުރަނީ ކީއްތޯއެވެ. ޕާޓީ އޮފީހެއް ހަދައިގެން ތިބޭކަން އެނގެއެވެ. އެތަނުގައި ތިބެ ސިޔާސީ ވާހަކަތައް ދައްކައި އާންމުކުރެއެވެ. ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެވެ. ރައްޔިތުންގެ ހައްގުގައި ނުކުމެ އުޅޭ މަންޒަރެއް ނުފެނެއެވެ. މަސްލަހަތު ހިމެނޭ ފަރާތެއް ނުވަތަ ރައްޓެއްސަކު ނެތިޔާ ޒިޔާރަތްކުރި ގެއެއް ނެތެވެ. ދިއްލާލަދިން ބޮއިކެއް ނުވަތަ ދައްކާލަދިން ފެން ބިލެއްވެސް ފެންނާކަށް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: