އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅެމުންދާ ދިވެހިންނާއި ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ އިންޑިއާއަށް ކުރެއްވި ދަތުރުގައި ނިއުދިއްލީގައި ތިބި ދިވެހިންނާއި ބައްދަލުކުރައްވާފައިކަމަށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިކަމަށާއި މިއީ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަމަށެވެ.
ބަޔާނުގައިވާގޮތުން ރައީސްވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަށް މިހާރަށް ވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.

