މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައްކަން ޖެހިފައިވާ ސުކޫކުގެ އިންޓްރެސްޓު ޕޭމަންޓު ސަރުކާރުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން ސަރުކާރުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި އަހަރު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކާފައިކަމަށެވެ. އަދި މި ސުކޫކު 2026 ވަނަ އަހަރަށް މެޗުއަރވާނެކަމަށް ހިއްސާކޮށްފައިވާއިރު މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައްކަންޖެހިފައިވާ ފައިސާ 7 ވަނަ ދުވަހުގެ ނިޔަލަށް ދެއްކިފައިވާކަމަށެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް އަހަރަކު ދެ ފަހަރެއްގެ މަތިން ޕޭމަންޓު ހަދަންޖެހޭކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް އެޕްރިލް މަހާއި އޮކްޓޫބަރު މަހުގެ ތެރޭގައި ދައްކަންޖެހޭކަމަށެވެ.
ފިނޭންސް މިނިސްޓްރީއިން ބުނެފައިވާގޮތުން ރާއްޖޭގެ ދަރަނިތައް އަދާކުރުމަކީ ސަރުކާރުން އަހައްމިއްޔަތު ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއްކަމަށެވެ. އަދި ސަރުކާރުން މިގޮތުގެ މަތިން ކަނޑައެޅިފައިވާ ވަގުތަށް ދަރަނި އަދާކުރަމުންދިއުމުން ކްރެޑިޓަރުންނާއި އިންވެސްޓަރުންނަށް ދައްކަންޖެހޭ ފައިސާ ދިނުންވެސް މުހިންމު ކަމެއްގެ ގޮތުގައި ބަލައިގަންނަކަން ފެނިގެންދާކަމަށެވެ.

