މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްއޭއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ދެ ގައުމުގެ ދެމެދު ވެފައިވަނީ 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްކަމަށާއި ސޮއިކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައިކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން އެއްބަސްވުމުގެ ދަށުން ދެ ”ކަރަންސީ ވިންޑޯ“ އަކުން ފައިސާ ނެގުމަށް ފަހިވެގެންދެއެވެ. އެގޮތުން އެމެރިކާ ޔޫރޯ/ޑޮލަރ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯއެއް ހުޅުވިގެންދާނެކަމަށާއި ’ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް“ އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސް އާއި ހަމައަށް ފައިސާ ނެގުމުގެ މަގުފަހިވެފައިވާކަމަށެވެ. އަދި މި ފައިސާ އެކި ފުރުސަތުތަކުގެ މަތިން ނެގުމުގެ މަގު ފަހިވެފައިވާކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށެވެ. އަދި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް ފަހިވެގެންދާކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާކަމަށެވެ.

