ރާއްޖޭގެ ފަތުރުވެރިކަމަކީ ޑީޖީޕީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާއަށްވާއިރު، އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިން މަރުހަބާ ކިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ފާހަގަކުރެވޭ މާކެޓުތަކުގެ ތެރޭގައި އިންޑިއާ ހިމެނުނު ނަމަވެސް މިފަހުން އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައެއެވެ. އެއީ ބޭރުގެ އެހެން މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމުގެ ސަބަބުންނެވެ.
މިއަދު ކުރިޔަށް ގެންދިޔަ އިންޑިއާ – ރާއްޖެ ބިޒްނަސް ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަށް ހާމަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ކަމަށެވެ. ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް ދީ، ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރެވި ބައެއް އިސްލާހުތަކެއް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒަމާނުސުރެ ފެށިގެން، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިން ގައުމެއް ކަމަށެވެ. ސިއްހީ ދާއިރާއާއި، ތައުލީމީ ފުރުސަތުތައް ފަހިކޮށް ދީ އުމްރާނީގެ ތަރައްގީއަށް މަގުފަހިކޮށް ދީފައިވާއިރު އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވުނުކަން އީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އިންޑިއާއާއި އެކު ވިޔަފާރީގެ ގުޅުން އޮންނަތާ ޒަމާންތަކެއްވެފައިވާކަމަށާއި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް ޕްރައިވެޓް އިންވެސްޓްމަންޓުތައް މުހިންމު ކަމަށެވެ.
ވެރިކަމަށް ވަޑައިގަތީ އިގްތިސާދި ސިންދަފާތު ކުރުމުގެ ސިޔާސަތާއިއެކުކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ހިމެނޭ ގޮތުން މާލީ އައު ސިނާއަތެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

