ދިވެހިރާއްޖޭގެ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ އުއްމީދީ މަންޒަރުތަކެއް ފެންނަން ފަށައިފިއެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މޭވާ ލިބެމުންދާ މަންޒަރު މިހާރު ވަނީ ފެންނަން ފަށާފައެވެ. މި ކާމިޔާބީތަކަކީ ސަރުކާރުން ކުރި ހިތްވަރުގަދަ މަސައްކަތްތަކުގެ ނަތީޖާއެވެ.
ފާއިތުވި ދުވަސްތަކުގައި ބައެއް ފަރާތްތަކުން ފަތުރަމުން އައި ނޭދެވޭ ޚަބަރުތަކާ ޚިލާފަށް، ދިވެހިރާއްޖެ މިހާރު ވަނީ އިޤްތިޞާދީ ގޮތުން ކުރިއަރަމުންދާ މަގަށް އަޅާފައެވެ. ސަރަޙައްދީ ގުޅުންތައް ހަރުދަނާވެ، ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުވެފައިވެއެވެ. މިއީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާގެ ދަތުރުފުޅަކީ މި ކާމިޔާބީތަކުގެ އެއް ހެއްކެވެ. އިންޑިއާގެ ފަރާތުން ލިބުނު މަރުޙަބާއާއި އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާކަމުގެ ހެއްކެކެވެ. މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، އިންޑިއާގެ އެސްބީއައި އިން ރާއްޖެއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމާއި، ރޫޕޭ ކާޑު ތަޢާރަފުކުރުމަކީވެސް ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ހުރިހާ ކަމަކީވެސް ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ކަންކަމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ހައިސިއްޔަތުން އިންޑިއާއަށް ވަޑައިގެންނެވުމުން ވަރުގަދަ މަރުޙަބާއެއް ކިޔައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެ ޤައުމުގެ ރިޔާސީ ގަނޑުވަރާ ހަމައަށް ވާޞިލުވެވަޑައިގެންނެވި އިރު، ދިވެހި ނޫސްތަކުގެ މައި ސުރުޚީތަކުން އެންމެ ފުރަތަމަވެސް ފެނިގެންދިޔައީ މާލީ ދަތިކަމަށް ނިމުމެއް އައިކަމުގެ ޚަބަރެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ރައީސް މުޙައްމަދު މުޢިއްޒުވަނީ ޤައުމުގެ މާލީ ހާލަތު ރަނގަޅުކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށާއި، އެ ޤައުމުން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މި ބަސްފުޅުތައް ތަޞްދީޤުކޮށްދޭ ގޮތަށް ކަންކަން ކުރިއަށް ގޮސްފައިވެއެވެ.
ދެ ޤައުމުގެ ލީޑަރުން މީޑިއާއަށް ބަޔާން ދެއްވުމުގެ ކުރިން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެވުނު ކަން އިޢުލާނު ކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ދިވެހިރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހުޅުވާލުމަށް އެއްބަސްވިއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވަނީ ދިވެހިރާއްޖެއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ދަރަނީގެ މުއްދަތު އިތުރުކޮށްދީފައެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޚަރަދުކުރެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ރޫޕޭ ކާޑު ރަސްމީކޮށް ތަޢާރަފުކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މި ކާޑު ބަލައިގަންނަން ފަށާފައެވެ.

ރައީސް މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ބައްދަލުކުރެއްވި އިރު، މުހިންމު ނުކުތާތަކެއް ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި، އިންޑިއާގެ އަވައްޓެރި ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ. އެގޮތުން، އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ސިޔާސަތާއި ”ސާގަރ ވިޝަން“ ގައި ދިވެހިރާއްޖެއަކީ އަސާސީ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޖާމިޢު އިޤްތިޞާދީ އަދި ކަނޑުވެރިކަމުގެ ޕާޓްނަރޝިޕެއްގެ ޚިޔާލު ދެ ޤައުމުންވެސް ބަލައިގަނެފައިވާކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ.
ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި، ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ފަހިވަމުންދާ މަގުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އެ ޤައުމުން ފޯރުކޮށްދެއްވި ގިނަ މިލިއަން ޑޮލަރުގެ އެހީތެރިކަމަށްޓަކައި، ރައީސް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅު ފެށުމާއެކު އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުހިންމު ސުވާލުތަކަށްވެސް ރައީސް ޖަވާބު ދެއްވިއެވެ. އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން ރައީސްގެ ސިޔާސަތަށް ބަދަލުތަކެއް އަތުވެދާނެކަމާމެދު އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން، ރާއްޖެއިން ގެންގުޅޭނީ ޤައުމު އިސްކުރާ ސިޔާސަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އިންޑިއާއާއެކު އޮތް ގުޅުމަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް ދިވެހިރާއްޖެއިން ޢަމަލުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއިން އެހެން ޤައުމުތަކާއެކުވެސް މަސައްކަތްކުރާނެ ކަމަށާއި، އެހެންނަމަވެސް އޭގެ ސަބަބުން އިންޑިއާއާއެކު ކުރެވެމުންދާ މަސައްކަތްތަކަށް އަސަރެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާގެ ދެމެދު ގުޅުން ހީނަރުވަމުން އައިކަމަށް ފެނިގެންދިޔަ ދުވަސްވަރު އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރިއެވެ. އެ ގައުމުގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުންނާއި ތަރިން އަދި އެހެނިހެން މަގުބޫލު ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އަންނަމުންދިޔަ އިންޑިއާ ފަތުރުވެރިން އެހެނިހެން މަންޒިލުތަކަށް ދަތުރުކުރިކަން ނޫސްތަކުން އެނގެން އޮވެއެވެ. މިކަމުން އަދުގެ ޒަމާނުގައި އެފަދަ ފަރާތްތަކުން ކުޅެދޭ މުހިންމު ރޯލު ފެނިގެންދެއެވެ. އެހެންކަމުން މި ގެއްލުންތަކުން އަރައިގަތުމަށް ރައީސްވަނީ އިންޑިއާގެ ނުފޫޒުގަދަ އެކި ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކުރެއްވުމަށްޓަކައި މަޝްވަރާތައް ކުރައްވައި، މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ މާކެޓިންގ ދާއިރާގައި އައު ފުރުޞަތުތަކެއް ހުޅުވާލެވިފައިވުމެވެ. މިގޮތުން، ރާއްޖޭގެ މަންޒަރުތައް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރުމަށްޓަކައި، އިންޑިއާގެ ފިލްމީ ދާއިރާއަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ދަޢުވަތު އަރުވާފައިވެއެވެ. މިއީ ރާއްޖޭގެ ޤުދުރަތީ މަންޒަރުތައް އައު ފެންވަރެއްގައި ދުނިޔެއަށް ހާމަކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މި ދަތުރުފުޅަކީ ރާއްޖެއަށް ގިނަގުނަ މަންފާތަކެއް ލިބިގެންދިޔަ ދަތުރުފުޅެކެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެން ދިޔައެވެ. މި ދަތުރުފުޅުގެ ނަތީޖާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާވެެ، އިޤްތިޞާދީ އަދި ސަޤާފީ ގުޅުންތައް ވަރުގަދަވެގެން ދިއުމެވެ.
ރައީސްގެ މި މަސައްކަތްޕުޅުތަކަކީ ދުރުވިސްނުމާއެކު ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކެކެވެ. ޚާއްޞަކޮށް، ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅުތަކަކީ ޤައުމުގެ އިޤްތިޞާދަށް ދުރުރާސްތާގައި ފައިދާކުރާނެ ކަންކަމެވެ.

އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ޖަވާބުތަކުން، ރާއްޖޭގެ ޚާރރިޖީ ސިޔާސަތުގެ މިސްރާބު ސާފުކޮށް ބަޔާންކޮށްދެއްވިއެވެ. ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން ހަމަހަމަކަމާއެކު ދެމެހެއްޓުމަށް އިސްކަންދެއްވާކަން ހާމަކުރެއްވިއެވެ.
ޖުމްލަ ގޮތެއްގައި، މި ދަތުރުފުޅަކީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އިޤްތިޞާދީ އަދި ހާރިޖީ ގުޅުންތައް ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރި ދަތުރުފުޅެކެވެ. ރައީސްގެ މި މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ކާމިޔާބު ދަތުރުފުޅުގެ ނަތީޖާތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ފެންނާނެކަން ކަށަވަރެވެ.

