ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިންޑިއާ ދަތުރުފުޅުން ހާމަވީ ވެރިކަމަށްޓަކައި، ޕީއެންސީއިން ހެދި ދޮގޮތައްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މި މަހުގެ 6 އިން 10 އަކަށް ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ވެރިކަމުގެ ބޭނުމުގައި އިންޑިއާއާއި ގުޅުވައި މި ސަރުކާރުން ހެދި ދޮގުތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެ ގެއްލުންތަކުގެ ޒިންމާ މި ސަރުކާރުގެ ވެރިން އުފުލަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީއިން ކެމްޕެއިން ދުވަސްވަރު ދެއްކި ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި ދެއްކެވި ވާހަކަތަކެއްކަންވެސް މިހާރު ހާމަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ދޮގުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ގެއްލުންތަކެއް ލިބުނުކަމަށާއި، ސިޔާސީ ގޮތުންވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް ފައްޔާޒް ވިދާޅުވިއެވެ. މާލީ ދަތިތަކާއި ރާއްޖެ ކުރިމަތިލާން ޖެހި، އެހީއަށް އެންމެ ބޮޑަށް ބޭނުންވި ދަނޑިވަޅުގައި އެއްވެސް އެއީއެއް ނުލިބި، ފައިނޭންޝަލް މާކެޓުތަކުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލިގެން ދިޔައީވެސް ޕީއެންސީގެ ސަބަބުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ސަރުކާރުގެ ވެރިންގެ ޒިންމާދާރުކަން ކުޑަ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި މި ގައުމުގެ އަގު ވެއްޓުމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހިފައި ވަނީ ދިވެހި ރައްޔިތުންނަށްކަމަށް އޭނާ ވިދާޅުވިއެވެ.
ހައިޑްރޯގްރަފީ އެއްބަސްވުމާއި، ޔޫޓީއެފް، އައްޑޫގެ އުމްރާނީ މަޝްރޫއުތައް، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްރޫއުފަދަ، މިހާރުގެ ސަރުކާރުގެ ލީޑަރުން ކުރީގައި މިއީ ކޮލޮނައިޒް ކުރުމުގެ ޕްލޭނެއް ކަމަށް ސިފަކޮށްފައިވާ މަޝްރޫއުތައް މިހާރު މި ސަރުކާރުން ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ފައްޔާސް ވިދާޅުވިއެވެ.

