ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ތަރައްގީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ޒަމާނީ ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއިން ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރި ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޮޓައިޕް (ޑީޕީޕީ) އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަސްވާޑް ވިދާޅުވީ މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތާރީހު އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކާކުރެވޭނެ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫން ކަމަށާއި މިއީ ދުނިޔެއަށް ދިވެހިރާއްޖެ ބުނެދޭނެ ނިޒާމަކަށް ވެގެންދާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
ރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ތާރީހާީ ވާޙަކަތަކާއި ޖުމްލަކޮށް ރާއްޖެއަށް މުހިންމު ހުރިހާ ދާއިރާއިން ތާރީހަށްޓަކައި ޑީޕީޕީގައި މައުލޫމާތު ހިމަނާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ތާރީހީ ތަންތަނާއި ތަކެތި ނެތިދާ ހާލަތުގައިވެސް އެ މައުލޫމާތުތައް މި ނިޒާމުގެ ތެރޭގައި ރައްކާތެރިކަމާއެކު ބަލަހައްޓަމުންދާނެ ކަމަށެވެ.
އަސްވާޑް ވިދާޅުވީ މި ނިޒާމު ވެގެންދާނީ އެންމެ ޒަމާނީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، މައުލޫމާތު އަދާހަމަކުރެވިގެންދާ ނިޒާމަކަށް ކަމަށެވެ. މި ނިޒާމަކީ ރާއްޖެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް ދާއިރު މުހިންމު ނިޒާމެއް ކަަމަށް އަސްވާޑް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި މަސައްކަތް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްވެސް މުހިންމު މަސައްކަތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ނިޒާމު ތަރައްގީ ކުރައްވާނީ އާއްމުންނަށް ފުޅާދާއިރާއެއްގައި މައުލޫމާތު ލިބޭގޮތަށް ކަމަށާއި އަދި މި ނިޒާމު އިތުރަށް ތަރައްގީ ވެގެންދާއިރު މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

