އިންޑިއާގެ މަހަރާޝްޓްރާ ސްޓޭޓުގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ގަވަރުނަރު ރާދަކްރިޝްނަން، ރައީސް މުޢިއްޒާއި އެކު ވަޑައިގެންނެވި ދިވެހި ވަފުދަށް މަރުޙަބާ ދަންނަވައި، މުމްބާއީއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސް މުޢިއްޒު ވާހަކަފުޅުގައި، މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ދިވެހި ވަފުދަށް ދެއްވި ހޫނު މަރުޙަބާއާއި މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ގަވަރުނަރު ރާދަކްރިޝްނަން އިތުރަށް ވާހަކަފުޅު ދައްކަވަމުން، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގާތް ގުޅުމަށް އިޝާރާތްކުރައްވައި، މި ދާއިރާތަކާއި އެހެނިހެން ދާއިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްޓްރާގެ ރައްޔިތުންނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު މިހާރު ހުންނެވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައެވެ.

