ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަބަދުވެސް ދަމަހައްޓާނެކަމަށާއި ރާއްޖޭގައި ދެން އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ރައީސް ވަނީ ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ. ހާއްސަކޮށް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކަށް ދިރިއުޅެމުންދާ ގައުމެއްކަން ފާހަގަކުރެއްވި އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ، މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި ސަރުކާރާއި ގުޅުވައި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. ރައީސް ވިދާޅުވީ އިންޑިއާއި އެކު އޮތީ ޒަމާންވީ، އެތައް އަހަރެއްވީ ގުޅުމެއްކަމަށާއި މިދިޔަ 60 އަހަރުގެ ތެރޭގައި އެ ގައުމުން ވެދިން އެހީތައް އެނގޭކަމަށެވެ. އަދި އެންމެ ބޭނުންވި ކޮންމެ ހާލަތެއްގައި ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށާއި އަވައްޓެރިއަކާއި މެދު ބަހައްޓަން ޖެހޭ ގާތްކަމާއި އެ ގުޅުން އިންޑިއާ ބޭއްވިކަމަށް ރައީސް ވިދާޅުވި އެވެ.
ޚާރިޖީ ގޮތުން އަބަދުވެސް ގެންގުޅުއްވާނީ އެއް ސްޓޭންޑެއްކަމަށާއި، އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ އުސޫލުގެ ތެރެއިން ކާމިޔާބީތަކެއް ލިބިގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރަށް ބޮޑު ދަރަންޏެއް ވާރުތަވެގެން އައިސް މިދިޔަ ދިހަ މަސް ދުވަހު ގައުމުގެ ކަންކަން ކުރިޔަށް ގެންދެވީ އިތުރު ދަރަންޏެއް ނެގުމަކާއި ނުލައިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އުމްރާނީ ގޮތުން ގައުމަށް ފައިދާ ކުރާނެ ގޮތަށް ކުރާ މަސައްކަތް ބައްޓަންވެގެން ދާނީ ދެ ސަރަހައްދުގެ ވެސް ސަލާމަތުގެ މައްޗަށް ކަމަށެވެ.
މި ދަތުރުފުޅާއި މެދު ބައެއް ފަރާތްތަށް ސުވާލުތަކެއް އުފެއްދި ނަމަވެސް، އެ ޖާގައެއް ހަގީގަތުގައި ނެތްކަމަށާއި ފަތުރަމުން ދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ނޫސްތަކުގައި ހަގީގަތާއި ހިލާފަށް ބައެއް ނޫސްތަކެއް ނޫން… އެންމެ ނޫހެއް، ދެ ނޫހެއްގައި ފެނުނީ.. ގިނަ ނޫސްވެރިން އެ ދާއިރާގައި އުޅޭ ނޫސްވެެރިން ވަރަށް ޒިންމާދާރު.. ނޫސްވެރިކަމުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން..
ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސްކަމެއް އިތުރު ބައެއްގެ އަތް މައްޗަށް ދޫކޮށްނުލެވޭނެ ކަމަަށެވެ. ރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ އޮތީ ލިޔެވިފައިކަމަށާއި، އޭގައިވާ ހުރިހާ އިބާރާތެއް ގާތުން ބަލަހައްޓަމުން ގެންދަނީ ޑިފެންސް މިނިސްޓްރީކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އެންމެ މުހިންމީ އަޅުގަނޑުމެންގެ ގައުމިއްޔަތު.. އަޅުގަނޑުމެންގެ އިސްލާމް ދީން..
އިންޑިއާއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފަ އެވެ. އަދި ބައެއް އެއްބަސްވުންތައް ގާއިމު ކުރިއިިރު މި ދަތުރުގެ ނަތީޖާ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެނިގެން ދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

