ދިވެހި އަސްކަރިއްޔާގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާއި މި ސަރުކާރަށް ހަވާލު ނުކުރާނެކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި، ޒަމީރު ފާހަގަކުރެއްވި ގޮތުގައި ގައުމާއި ރައްޔިތުންނަށް އޭގެ ފައިދާތަކެއް ލިބޭނެ މަޝްވަރާތައް ކުރިޔަށް ދިޔަ އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތުރިޔާ ރަކްޝާ ޔުނިވަރސިޓީ އާ ދެމެދު ވެވޭ އެއްބާރުލުން ދިނުމުގެ އެބ
އިންޑިއާގެ ފަރާތުން މި ފަހުމުނާމާގެ ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބޯޑަރ މެނޭޖްމަންޓް ސެކްރެޓަރީ ޑރ. ރާންޖިތު ކުމާރެވެ. ދިވެހިރާއްޖޭގެ ފަރާތުން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.
މިއީ ކާމިޔާބު ދަތުރުފުޅެއްކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ ބުރަ މަސައްކަތުން ދިވެހި ރައްޔިތުންނަށް އޭގެ މަންފާކުރާނެ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ޣައްސާން ވިދާޅުވީ މި ސަރުކާރުން ދިވެހި ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް އެއްވެސް ބުރުލެއް އަންނަފަދަ އަމަލެއް ނުވަތަ ދިވެހިންގެ ސިޔާދަތީ ބާރު ގެއްލޭފަދަ އެއްވެސްކަމެއް ނުކުރާނެކަމަށެވެ.
ބޭރު ބައެއްގެ އަތް މައްޗަށް ގައުމުގެ ކަންކަން ދޫކޮށް ނުލާނެކަމަށާއި، އެފަދަ ކޮންމެ މަސައްކަތެއްގައި ޝާމިލުވެ އުޅޭނީ ދިވެހި ސިފައިންކަމަށް ޣައްސާން ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ޣާބިލިއްޔަތުކަން އިތުރު ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވަނީ.. މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގައި ވެސް އޮތީ ދިވެހި ރާއްޖެއިން އެދުނު ހާލަތެއްގައި، އެދުނު ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރު ކުރެވޭނެ ވާހަކަ.. އަޅުގަނޑުމެންގެ ޒިންމާތައް އެއްވެސް ގައުމަކާއި ހަވާލު ކުރުމުގެ ވާހަކައެއް ދެކެވިފައި ނުވާނެ..
އިންޑިއާގެ ދަތުރުފުޅުގައި އިއުލާނު ކުރި ވިޝަން ފޯ ކޮމްޕްރެހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. އެކަމުގެ ރައްދުގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ އެންމެނަށް ފެންނަން އޮތް ޑޮކިއުމަންޓެއްކަމަށާއި ދިފާއީ ގޮތުން ޑިފެންސްގެ ދާއިރާއިން ލިޔެފައިވާ ކޮންމެ ޖުމްލައެއް އެއީ އެމްއެންޑީއެފް ބަލައި އެޕްރޫވްކުރި ބައެއްކަމަށެވެ.
މި ލިޔެކިއުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
މި އެއްބަސްވުމުގައި ހިމެނޭ ބައިތަކަކީ ސިޔާސީ ގުޅުން ވަރުގަދަ ކުރުމާއި، ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ވިޔަފާރިއާއި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން ޑިޖިޓަލް، މާލީ އެއްބާރުލުން ދިނުމުގެ އިތުރުން ހަކަތައިގެ ދާއިރާ އަދި ސިއްހީ ދާއިރާ އެވެ.
ޑިފެންސްސާއި ސެކިއުރިޓީ ދާއިރާގައި ހިމެނެނީ މެރިޓައިމް އަދި ސެކިއުރިޓީއަށް ގުޅިގެން އެކުގައި މަސައްކަތް ކުރުމެވެ.

