ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރުތަކުގެ ކުނި މެނޭޖުކުރުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ!

ވޭސްޓް މެނޭޖުމެންޓް މަސައްކަތްތައް: ފޮޓޯ/ ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ސާފުތާހިރު ޤައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި ތަފާތު މަންޒަރުތަކެއް ފެންނަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި މަގުމަތީގައި ކުނި އުކުމާއި، އެކަމުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢުއަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. މި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަށީގެންވާ ނަތީޖާއެއް ޙާޞިލުނުވާކަން ފާހަގަކުރެވެއެވެ.

މި ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްޓަކައި، ކޮންމެ ސަރަޙައްދެއްގެ ވަކި ޚާއްޞަ މައްސަލަތަކަށް އަމާޒުކޮށްގެން މަސައްކަތްކުރުން މުހިންމެވެ. މިގޮތުން، އާބާދީ ބޮޑެތި ސަރަޙައްދުތަކާއި މައްސަލަ ގިނަ ތަންތަނަށް އިސްކަންދީގެން، ހަރުދަނާ އަދި ދެމެހެއްޓެނިވި ޕްރޮގްރާމްތަކެއް ރޭވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ މި މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަކީ ކުނި މެނޭޖުކުރުމުގެ ދާއިރާއިން ޙައްލުތަކެއް ހޯދަންޖެހިފައިވާ ތަނެއްގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެވިދާނެ ތަނެކެވެ. މި ޢިމާރާތްތައް ބިނާކުރެވުނުއިރު، ކުނި ނައްތާލުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައި ނުވުމުގެ ސަބަބުން، މިހާރު އެ ސަރަޙައްދުގެ ކުނި މެނޭޖުކުރެވެމުންދަނީ އެންމެ ފަހުން އޮތް ސަރުކާރުން އެކަށައެޅި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، މި ނިޒާމުގެ ތެރޭގައި ޙައްލުކުރަންޖެހޭ މުހިންމު މައްސަލަތަކެއް ވާކަން ފާހަގަކުރެވެއެވެ.

ބޮޑެތި ޢިމާރާތްތައް ޑިޒައިންކުރެވިފައިވަނީ ޓްރޭޝް ޝޫޓް ނުހިމަނައި ކަމަށްވުމުން، ފުރަތަމަ މަރުޙަލާގައި ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދެވުނީ މަގުމަތީގައި ގިނަ އަދަދެއްގެ ކުނިއަޅާ ވަށިގަނޑުތައް ބެހެއްޓިގެންނެވެ. ނަމަވެސް، މި ގޮތުން ބެހެއްޓުނު ވަށިގަނޑުތައް އަވަހަށް ފުރި ބަންޑުންޖެހުމާއި، މުޅި ސަރަޙައްދުގެ ސާފުތާހިރުކަން ގެއްލިގެން ދިއުން ފަދަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. މި ޙާލަތު އިޞްލާޙުކުރުމަށްޓަކައި، ރައްޔިތުންނަށް ކުނި ވަކިކުރުމަށް އެންގުމާއެކު، ކޮންމެ ޓަވަރެއްގެ ތިރީގައި ކުނި މެނޭޖުކުރާ ކުންފުނީގެ އޮފީހެއް ޤާއިމުކޮށް، އެ މަރުކަޒުތަކުން ކުނި ނައްތާލުމުގެ ޚިދުމަތް ދޭން ފެށުނެވެ. މިހާރުވެސް މި ޚިދުމަތް ދެމުން އަންނަނީ މި އުސޫލުންނެވެ.

ހިޔާ ސަރަހައްދުގައި ދުވާލަކު ޓަނުން އަދަދުކުރެވޭ މިންވަރަށް ކުނި އުފެދޭތީ، ގިނަ ފަހަރު ކުނި އުކާލާ ތަންތަން ޙައްދަށްވުރެ އިތުރަށް ފުރިގެންދާކަން ފާހަގަކުރެވެއެވެ. ޑަސްބިންތައް ފުރުމުން، ވޭސްޓް ސްޓޭޝަންތައް ހަދާފައިވާ އެޕާޓްމަންޓްތަކުގެ ކުރިމަތީގައި ފުނިފުންޏަށް ކުނި ބަހައްޓާފައި ހުންނަތަން ފެންނަން ހުރެއެވެ. މި ޙާލަތުގައި، ކުނި ނައްތާލައްތާލުމަށް ޚާއްޞަކުރެވިފައިވާ ހަތަރު ފުރޮޅުލީ އުޅަނދެއް މެދުވެރިކޮށް އެ ތަކެތި އުކާލަން ޖެހެއެވެ. އެހެންނަމަވެސް، މިވަގުތު ބައެއް ބާވަތުގެ ކުނި ނައްތާލުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ވަކި މިންވަރަކަށްވުރެ ގިނައިން ކުނި އުކާލަން ޖެހޭނަމަ، އެޕޮއިންޓްމަންޓެއް ހޯދައި އިންތިޒާރުކުރަން ޖެހެއެވެ. މިއީ އޭގެ ޒާތުގައި މައްސަލައެއް ނޫނަސް، ގިނަ އަދަދެއްގެ މީހުންނަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މިހާރު ދެމުންދާ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ބަލާއިރު، ޚަރަދެއް ކުރަން ޖެހުނު ނަމަވެސް، ހިޔާ ޓަވަރުތަކުގެ ކުނީގެ މައްސަލަ އެންމެ ފަސޭހައިން ޙައްލުކުރެވިދާނެ އެއް ގޮތަކީ ސްޓޭޝަންތަކުގައި ކޮމްޕެކްޓަރު ބެހެއްޓުމެވެ. މި ވަސީލަތް ބެހެއްޓުމަށް އެކަށީގެންވާ ޖާގަ ހުރުމާއެކު، އޮޕަރޭޓްކުރުމަށް އިތުރު މުވައްޒަފުން ބޭނުމެއް ނުވާނެއެވެ. ގިނަ ކޮމްޕެކްޓަރުތަކަކީ އިންސާނުންނާ ރައްޓެހި، ރައްކާތެރި ގޮތަކަށް ފަރުމާކުރެވިފައިވާ ވަސީލަތްތަކެކެވެ.

ކޮމްޕެކްޓަރަކީ އެއަށް އަޅާ ތަކެތި ފިއްތައި ޖަމާކޮށްދޭ ވަސީލަތަކަށްވުމުން، މިހާރު ބޭނުންކުރާ ބޮޑެތި ޑަސްބިންތަކަށް ވުރެ ގިނަ އަދަދަކަށް ކުނި ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މިހާރު ބޮޑެތި ކުނީގެ ގޮތުގައި ކަނޑައަޅައި، ވަކި ޚިދުމަތެއް ލިބިގަނެގެން ނައްތާލަން ޖެހޭ ގިނަ ބާވަތްތަކުގެ ކުނި ނައްތާލުންވެސް ފަސޭހަވެގެންދާނެއެވެ.

ނަމަވެސް، މިފަދަ ވަސީލަތެއް ޤާއިމުކުރަންވާނީ އެންމެ ޒަމާނީ އަދި ސިނާޢީ ފެންވަރެއްގައިކަން ޚާއްޞަކޮށް ފާހަގަކުރަމެވެ. މިގޮތުން، ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ޙައްލެއް ހޯދުމަކީ އިސްކަންދޭންވާނެ ކަމެކެވެ.

ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ އިތުރުން، މި އުސޫލުން ޢަމަލުކުރުމުގެ ސަބަބުން ގިނަގުނަ މަންފާތަކެއް ހާސިލުކުރެވެއެވެ. ކުނި ނެގުމަށް އަބަދުމެ އުޅަނދުފަހަރު ފޮނުވަންޖެހުމުގެ ސަބަބުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވާއިރު، ކުނި ކޮމްޕެކްޓުކުރުމުގެ ސަބަބުން ކުނި ނެގުމަށް ކުރަންޖެހޭ ދަތުރުތަކުގެ އަދަދު މަދުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޚަރަދުތައްވެސް ކުޑަވެގެންދެއެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް އެހެނިހެން މުހިންމު ބޭނުންތަކަށް ހުސްވެގެންދިއުމަކީވެސް ލިބޭ ބޮޑު ފައިދާއެކެވެ.

މުޖުތަމަޢުގައި އެތައް ބަޔަކަށް އެހީތެރިކަން ބޭނުންވާކަމީ މިއަދު އެންމެންނަށްވެސް އެނގެން އޮތް ޙަޤީޤަތެކެވެ. އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގާތުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިންސާނީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މިހާރު ކުނިބުނީގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ ޞިއްޙީ ނުރައްކާތައް މަދުވެ، އެމީހުންގެ މަސައްކަތުގެ މާޙައުލު އިތުރަށް ރައްކާތެރިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: