ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ. މި އައު އުސޫލުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ނެރުނު ޢިއުލާނުގައިވާ ގޮތުން، އެކްސިޑެންޓް މައްސަލަތަކާ ގުޅިގެން ހިފަހައްޓާ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމޭތާ 7 ދުވަހުގެ ތެރޭގައެވެ. އަދި އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާއި ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
މީގެއިތުރުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށްވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައްވެސް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. ނަމަވެސް، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް މި އައު އުސޫލުގައި ހިމެނިފައިވެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި އިސް އޮފިސަރަކު ވިދާޅުވީ، ”މި އައު އުސޫލަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބާރު އެޅުމުގެ ގޮތުން ގެނައި ބަދަލެކެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކްކަންދީގެން އެކުލަވާލެވިފައިވާ އުސޫލެކެވެ.“
މި އައު އުސޫލު ތަންފީޒުކުރަން ފަށާނީ މިއަދުން ފެށިގެންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި އުސޫލާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އަންގާފައިވެއެވެ.

