ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެއާރ ފޯސްގެ މަތިންދާބޯޓެއް ވެއްޓުނުތާ 56 އަހަރު ފަހުން ފެނުނު ހަށިގަނޑުތަކުގެ ވާހަކަ، އާއިލާތަކަށް އުފާވެރިކަން

ޝެއާރކޮށްލާ ކަހަލަދޯ؟

1968 ގައި ހިމާލަޔާގައި ވައިގެ ނުރައްކާތެރި ޙާލަތެއްގައި ޖެހި ވެއްޓުނު އިންޑިއަން އެއަރ ފޯސްގެ މަތިންދާބޯޓެއްގައި ދަތުރުކުރި 102 މީހުންގެ ތެރެއިން މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. އެއީ ދިގު މުއްދަތެއްގެ އިންތިޒާރަކަށް ނިމުމެއް ގެނައި ފޯނު ކޯލަކުން ލިބުނު އުފާވެރި ހަބަރެކެވެ. ސީދާ 56 އަހަރާއި 8 މަހުގެ އިންތިޒާރަކެވެ. ދެކުނު އިންޑިއާގެ ކެރަލާ ސްޓޭޓުގެ ޕަތަނަމްތިއްޓާ ޑިސްޓްރިކްޓުގެ ފުލުހުންގެ މަރުކަޒަކުން ގުޅި ފަރާތުން ތޯމަސް ތޯމަސްއަށް ދިން ޚަބަރަކީ އޭނާގެ ބޮޑު އަޚްގެ ހަށިގަނޑު ފެނިއްޖެކަމުގެ އުންމީދު ނުކުރެވޭފަދަ ޚަބަރެކެވެ.

ތޯމަސް ޗެރިއަން އަކީ އާމީގެ ކްރާފްޓްސްމަނެކެވެ. އޭނާއަކީ 1968 ގައި ހިމާލަޔާގައި ވައިގެ ނުރައްކާތެރި ޙާލަތެއްގައި ޖެހި ވެއްޓުނު އިންޑިއަން އެއަރ ފޯސްގެ މަތިންދާބޯޓެއްގައި ދަތުރުކުރި 102 ފަސިންޖަރުންގެ ތެރެއިން މީހެކެވެ. އުތުރުގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓު އިންޑިއާ ބެލުމުގެ ދަށުގައިވާ ކަޝްމީރާ ގުޅުވައިދޭ ރޯތަންގް ޕާސް މަތިން ދަތުރުކުރަމުންދަނިކޮށް މި މަތިންދާބޯޓު ރާޑާއިން ގެއްލުނެވެ.

އަހަރުތަކެއް ވަންދެން އައި.އޭ.އެފް އޭ.އެން-12 މަތިންދާބޯޓު ލިސްޓުކުރެވިފައިވަނީ ގެއްލިފައިވާ އެއްޗެއްގެ ގޮތުގައެވެ. އަދި އޭގެ ހާދިސާ ދިޔަގޮތް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެއަށްފަހު 2003 ގައި ފަރުބަދައަށް އަރާ ބަޔަކަށް ފަސިންޖަރުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނުނެވެ. އޭގެފަހުން ފާއިތުވި އަހަރުތަކުގައި، އާމީގެ ހޯދުމުގެ މިޝަންތަކުން އިތުރު 8 ހަށިގަނޑު ފެނި، 2019 ގައި މަތިންދާބޯޓުގެ ބައިތައް ފަރުބަދަތަކުން ފެނުނެވެ.

މިދާކަށް ދުވަހު، 1968 ގެ ހާދިސާ އަނެއްކާވެސް ޚަބަރުތަކުގެ ސުރުޚީތަކަށް އެރީ އާމީއިން 4 ހަށިގަނޑު ފެނުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗެރިއަންގެ ހަށިގަނޑުވެސް ހިމެނެއެވެ. މި ޚަބަރު ޢާއިލާއަށް ލިބުނު އިރު، އެއީ ”56 އަހަރުގެ ނޭވާހާސްކަން ކުއްލިއަކަށް ފިލައިގެން ދިޔަ“ ކަހަލަ އިހުސާސެއް ކަމަށް މިސްޓަރ ތޯމަސް ބީބީސީ ހިންދީއަށް ބުންޏެވެ.

”އަހަރެންނަށް އެންމެފަހުން ނޭވާލެވުނީ“ އޭނާ ބުންޏެވެ.

ފަސް ދަރިންގެ ތެރެއިން ދެވަނައަށް އުފަން ޗެރިއަން ގެއްލުނުއިރު އުމުރުން ވެފައިވަނީ އެންމެ 22 އަހަރެވެ. އޭނާ މަތިންދާބޯޓަށް އެރީ ހިމާލަޔާގެ ލަދާޚް ސަރަޙައްދުގައި އޭނާގެ ފުރަތަމަ ފީލްޑް ޕޯސްޓިންގއަށް ދިއުމަށެވެ. 2003 ގައި ފުރަތަމަ ހަށިގަނޑު ފެނުމާ ހަމައަށްވެސް އޭނާގެ ސްޓޭޓަސް ބަދަލުކުރެވުނީ ގެއްލިފައިވާ މީހެއްގެ ގޮތުން މަރުވެފައިވާ މީހެއްގެ ގޮތަށެވެ.

”އަހަރެމެންގެ ބައްޕަ މަރުވީ 1990 ގައި އަދި މަންމަ މަރުވީ 1998 ގައި، ދެމީހުންވެސް މަރުވީ ގެއްލިފައިވާ ދަރިފުޅާ ބެހޭ ޚަބަރެއް ލިބޭތޯ ބަލަބަލާ ތިބެގެން“ މިސްޓަރ ތޯމަސް ބުންޏެވެ.
މިހާތަނަށް ޖުމްލަ 13 ހަށިގަނޑު އެކަނި ވަނީ ހާދިސާ ހިނގި ސަރަޙައްދުން ފެނިފައެވެ. ސަރަޙައްދުގެ ގަދަ މޫސުމާއި ގަނޑުގަނޑުވެފައިވާ ބިމުގެ ސަބަބުން ހޯދުމުގެ މަސައްކަތްކުރާ ޓީމުތަކަށް އެ ސަރަޙައްދުގައި މަސައްކަތްކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ.

ޗެރިއަންއާއި އިތުރު ތިން މީހެއްގެ ހަށިގަނޑުތައް ފެނުނީ ޑާކާ ގްލޭޝިއަރު ކައިރިން މޫދުގެ ލެވެލްއިން 16،000 ފޫޓު މަތިންނެވެ. އެންމެ ފަހުން ކުރެވުނު އޮޕަރޭޝަން ހިންގީ ޑޮގްރާ ސްކައުޓްސް – އިންޑިއާ އާމީގެ ޑޮގްރާ ރެޖިމަންޓްގެ ޔުނިޓްއާއި ތިރަންގާ މައުންޓަން ރެސްކިއުގެ މެންބަރުން ގުޅިގެންނެވެ.

އޮފިޝަލުން ސެޓެލައިޓް އިމޭޖަރީ، ރެކޯ ރާޑަރ އަދި ޑްރޯންތައް ބޭނުންކޮށްގެން ހަށިގަނޑުތައް ހޯދިކަމަށް ޑޮގްރާ ސްކައުޓްސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ލަލިތް ޕަލާރިއާ ވިދާޅުވިއެވެ. ގާތްގަނޑަކަށް 20 މީޓޓަރުގެ ފުންމިނުގައި ގަނޑުގެ ތެރޭގައި ވަޅުލެވިފައިވާ ލޯހަ އެއްޗެހި ދެނެގަނެވޭ ރެކޯ ރާޑަރުން އެ ސަރަޙައްދުން މަތިންދާބޯޓުގެ އުރަފަތްތައް ފާހަގަކުރެވުނެވެ. އޭގެ ފަހުން ޓީމުން އަތުން ކޮނެގެން އުރަފަތްތަކުގެ ތެރެއިން އެއް ހަށިގަނޑު ފެނުނެވެ.

އިތުރު ތިން ހަށިގަނޑު ފެނުނީ ގްލޭޝިއަރުގެ ފަޅަފަޅައިގެން ގޮސްފައިވާ ތަންތަނުންނެވެ. ޗެރިއަންގެ ހަށިގަނޑު ކަމަށް ދެނެގަނެވުނީ އޭނާގެ ޔުނީފޯމުގައި ޖަހާފައިވާ ނަން ޓެގުންނެވެ.

އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ ގެއްލުނު ހިތާމަ އެއްގޮތަކަށްވެސް ފިލައިގެން ނުދިޔަ ނަމަވެސް، ފަހުން އޭނާގެ ހަށިގަނޑު ލިބުމުން އެކަމުގެ ނިމުމެއްއައީއެވެ. އަދި އެމީހުންނަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހު، އޮފިޝަލުން ޗެރިއަންގެ ހަށިގަނޑު އިންޑިއާގެ ދިިދައިން ރަތްކުރެވިފައިވާ ކަފަނެއްގައި އާއިލާއާ ހަވާލުކުރިއެވެ. އޭގެ އަނެއް ދުވަހު އެމީހުންގެ ރަށް އިލަންތޫރުގެ ޗާޗެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައެވެ.

ތޯމަސް ބުނާ ގޮތުގައި މިހުރިހާ އަހަރު އިންތިޒާރުކުރަމުން ދިޔައިރު، އާމީގެ އޮފިޝަލުން އެމީހުންނަށް ބުނެފައިވަނީ ހޯދުން އަދިވެސް ކުރިއަށްދާ ކަމަށާއި ޗެރިއަންގެ ހަށިގަނޑު ފެނުމުން އެމީހުންނަށް އަންގާނެ ކަމަށެވެ.

އޮޑަލިލް އާއިލާއެކޭ އެއްފަދައިން، ފަހުން ހަށިގަނޑު ފެނުނު އެހެން ސިފައިންގެ އާއިލާތަކުންވެސް މިހާރު ކުރިމަތިލަމުންދަނީ ހިތާމައާއި ހިތްހަމަޖެހުމާއެވެ. އެމީހުންގެ އެންމެ ގާތް ގިނަ ރަހުމަތްތެރިން، މައިންބަފައިންނާއި އަނބިންވެސް ހިމެނޭ ގޮތަށް، މަރުވެފައިވަނީ އެމީހުންގެ ޚަބަރަކަށް އިންތިޒާރުކުރަމުންނެވެ.

މި ވާހަކައަކީ އިންޑިއާގެ ސިފައިންގެ ތެރެއިން ގެއްލިފައިވާ ބައެއް މީހުންގެ ހަށިގަނޑު އަހަރުތަކެއް ފަހުން ފެނި، އެމީހުންގެ އާއިލާތަކަށް ލިބުނު ހިތާމައާއި ހިތްހަމަޖެހުމުގެ ވާހަކައެވެ. މިފަދަ ހާދިސާތަކަކީ ވަރަށް ހިތާމަވެރި އަދި އުނދަގޫ ތަޖުރިބާތަކެކެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: