މާލޭގެ ގެއެއްގައި މީހުންނަށް ވަދެ ނިކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނުމުންމ އެ ގޭގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު މާލެ ސިޓީ ކައުންސިލުން ދޭންޖެހޭކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހ. ހުދުފިނިފެންމާގޭގެ ފާރެއް މިދިޔަ މަހު ކައުންސިލުން ތަޅާލާފައި ވަނީ އެ ގެއާއި އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެ ނިކުމެ ނޫޅެވޭ ގޮތަށް ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެން އެތަނުގައި ހުރި އެހެން ގެއެއްގެ ބަޔަކު ފާރެއް ރޭނުމުންނެވެ. އެ ގޭގެ ގޯޅީގައި ފާރު ރޭނުމާއި އެކު މައްސަލަ ގޯސްވެ މީޑީއާތަކުގައި ފެންމަތިވި އެވެ. އަދި އެތައް އިހުތިޖާޖުތަކެއްކޮށް ހިނގި މައްސަލަގަނޑުގެ ތެރެއިން ކައުންސިލުން އަނެއްކާވެސް ނިންމީ އެ ފާރު ތަޅާލުމަށެވެ.
ފާރު ތަޅާލި މައްސަލައިގައި އަނެއްކާވެސް އެ ގޭގެ ވެރިޔާ ސިޓީ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން މައްސަލައިގައި ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރުގައި ވަނީ މައްސަލަ ނިމެން ދެން ފާރު ރޭނުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށެވެ. އަދި ޝަރީއަތް ކުރިޔަށް ގެންގޮސް މައްސަލައިގައި ހުކުމް ކުރީ ފާރުތަޅާލި މައްސަލައިގައި ސިޓީ ކައުންސިލުން ބަދަލު ދޭންޖެހޭކަމަށެވެ.
މި މައްސަލައިގައި ސިޓީ ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، މިއީ ހައްލު ނުވެ 27 އަހަރުވެފައިވާ މައްސަލައެއް ކަމަށެވެ.
ކައުންސިލްގެ ވަކީލު އަބްދުﷲ އަބްދުލްހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯތީގެ ބޮޑުމިން ފުރަތަމަ 3970 އަކަފޫޓަށް އަރާކަމަށެވެ. އެކަމަކު ފަހުން ކޮންމެ ބައެއްގައި 1985 އަކަފޫޓު ހުންނަ ގޮތަށް ބަހާލީކަމަށް ވިދާޅުވި އެވެ. ގޭގައި އެގޮތަށް މީހުން ބަންދުވި ސަބަބެއްކަމަށް ވަކީލު ވިދާޅުވީ ސިޓީ ކައުންސިލުން މީގެ ކުރިން ގަވައިދާ ހިލާފަށް ރެޖިސްޓްރީއެއް ދީފައި އޮތުމެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ޝާކިރުގެ ފަރާތުން ގޯޅީގެ މިލްކުވެރިކަން ކަނޑައެޅުމަށް އެދި ހުށަހަޅާފައި ނުވެއެވެ. އަދި ޖުޑިޝަލް ރިވިއުގެ ދައުވާއަކުން އެދިފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނިންމުންތަކެއް ބާތިލު ކުރުމަށެވެ. އަދި ގޯތީގެ މަގުގެ މިލްކުވެރިކަމާއި މެދު ގޮތެއް ކަނޑައެޅުމަށް އެދިފައި ނުވާ ހާލަތުގައި އެހެން މައުޟޫއުއަކަށް ފުރުސަތުދީ ގޯޅީގެ މިލްކުވެރިކަމާއި މެދު ބަހުސްކޮށް ލިޔެކިއުންތައް ބަދަލު ކުރުމަކީ ޖުޑިޝަލް ރިވިއު ދައުވާއެއްގައި ކުރެވޭނެކަމެއް ނޫންކަމަށް ހުކުމުގައި ވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ފާރު ތަޅާލުމުގެ ސަބަބުން ޝާކިރަށް ލިބުނު ގެއްލުމުގެ ނަތީޖާ އެ ކައުންސިލުން ނަގަން ޖެހޭނެކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ޝާކިރުގެ ފަރާތުން މައްސަލަ ހުށަހަޅައިފި ނަމަ، އެ މައްސަލަ ކޯޓުނ ބަލާނެކަމަށް ހުކުމުގައި ވެއެވެ.
މި މައްސަލައިގައި ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި، ޖަވާބުދާރީވުމަށް ދިން މުއްދަތުގައި ކައުންސިލުން ދިފާއު ހުށަހަޅާފައި ނުވެ އެވެ. ލިޔެކިއުންތައް ރައްދު ކުރުމުން ކައުންސިލުން އެދުނީ މުއްދަތު އިތުރުކޮށްދިނުމަށެވެ. ސިސްޓަމަށް ދިމާވި މައްސަލައަކުން ދިފާއު ހުށަހެޅުނީ މުއްދަތު ހަމަވީފަހުންކަމަށް ކައުންސިލުން ބުނި ނަމަވެސް ޝަރީއަތުން ނިންމާފައި ވަނީ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިޔަށް ގެންދާށެވެ.

