ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދިވެހި ރުފިޔާ އެކައުންޓްތަކަށް 3 އިންސައްތަ ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 އިންސައްތަ ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބޭންކުން ވަނީ މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވަރ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އައު ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.
⦁ ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް: ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ
⦁ ކޮންމެ އަހަރަކު ދެވޭ އިނާމު: އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ކިޑްސް ސޭވަރ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލުގެނެސް ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުން ކަމަށެވެ. ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ނޫރައްދީން ވިދާޅުވީ މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވަރ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓަރކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ ކަމަށާއި މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވަރ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

