ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު އަދި ތާރީހީ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ ޑިވެލޮޕްމަންޓް ބޭންކު ހުޅުވުމަށް ބޭނުންވާ ލައިސަންސް ދޫކޮށްފި އެވެ.
މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ހުއްދަ ދިން މި ބޭންކަކުގައި އޮންނާނީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެވެ.
އެމްއެމްއޭ މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ބޭންކުގެ ހިދުމަތް ފެށުމުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިން ހިދުމަތް ރާއްޖޭގައި ތައާރަފުވެގެން ދާނެކަމަށެވެ.
މި ހުއްދަ ދޫކޮށްފައި ވަނީ، އަހަރެއްގެ ތެރޭގައި ހިދުމަތް ފަށަން ޖެހޭ ކަމަށެވެ.
ޑިވެލޮޕްމަންޓު ބޭންކުގެ ހިދުމަތާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިފަދަ މާލީ މުއައްސަސާތަކަކީ ގައުމުގެ ބޭންކިންގ ދާއިރާއަށް ނުހަނު މުހިންމު ތަންތަން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ރިސޯޓުތައް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އެކަށީގެންވާ ވަރަށް ނެތެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުން އަވަސްކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަނަވަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ބޭންކު ހިންގަން ފެށުމުން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލޯނު ލިބުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

