އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ އެއާޕޯޓުތަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުމާއި ބެހޭ ގާނޫނުގެ ދަށުން ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ބައެއް ޓެކްސްއާއި ފީގެ މިންވަރު އިތުރުކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށެވެ.
އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާއި ބެގޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޑިޕާޗާ ޓެކްސް އެވެ. އެގޮތުން އިސްލާހުގައި ވަނީ އިކޮނޮމީ ކްލާސްގައި ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން 12 ޑޮލަރު އަދި ބިސީންގެ އަތުން 50 ޑޮލަރު ނެގުމަށެވެ. އަދި ބިޒްނަސް ކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު، ފަސްޓްކްލާހުގައި ފުރާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން 480 ޑޮލަރު ނެގުމަށެވެ.
| ބިދޭސީންގެ އަތުން | ދިވެހިންގެ އަތުން | ދަތުރު ކުރާ ކްލާސް |
| 50 އެމެރިކާ ޑޮލަރު | 12 އެމެރިކާ ޑޮލަރު | އިކޮނޮމީ ކްލާސް |
| 120 އެމެރިކާ ޑޮލަރު | 120 އެމެރިކާ ޑޮލަރު | ބިޒްނަސް ކްލާސް |
| 240 އެމެރިކާ ޑޮލަރު | 240 އެމެރިކާ ޑޮލަރު | ފަސްޓް ކްލާސް |
| 480 އެމެރިކާ ޑޮލަރު | 480 އެމެރިކާ ޑޮލަރު | ޕްރައިވެޓް ޖެޓު |
ބިލުގައި ކަނޑައަޅާފައިވާ މި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށް ކަނޑައަޅާފައި ވަނީ ޑިސެމްބަރު މަހުން ފެށިގެންނެވެ.
މި އިސްލާހުތަކުގެ ސަބަބުން އާމްދަނީއަށް އަންނާނެ ކުރިއެރުންތައް ލަފާކޮށް ބިލުގައި ވަނީ 2025 ޑިޕާޗާ ޓެކްސްގެ ގޮތުގައި 762 މިލިއަން ރުފިޔާ އަދި 2026 ގައި އެ އަދަދު 895 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އަންނަ އަހަރު 809 މިލިއަން ރުފިޔާ އަދި 2026 ގައި 944 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

